14:30


ފުލުހުންގެ މަރުކަޒެއްގައި ހައްޔަރުކޮށްފައި ހުއްޓައި ގަޔަށް ޕެޓްރޯލް އަޅައި އަމިއްލަ އަށް ރޯކޮށްލައިގެން މަރުވި ކަމަށް ބުނާ މީހާގެ ހަށިގަނޑު ވަޅުލުމަށް އޭނާގެ އާއިލާއިން ނިންމައިފި އެވެ.


ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގައި ހައްޔަރުކޮށްފައި ހުއްޓައި މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ގަޔަށް ޕެޓްރޯލް އެޅުމަށްފަހު އަމިއްލަ އަށް ރޯކޮށްލައިގެން މަރުވި ކަމަށް ބުނާ ގައްދޫ، ފުލޫނިޔާ އުމުރުން 22 އަހަރުގެ އިބްރާހިމް އަފްޒަލްގެ ބޭބެ އަހުމަދު ތޮލާލް މިއަދު ބުނީ އަފްޒަލް ވަޅުލުމަށް އާއިލާއިން ނިންމީ ޑޮކްޓަރުގެ ރިޕޯޓުތައް ލިބުމުން ކަމަށެވެ. ނަމަވެސް އެ ރިޕޯޓާ ބެހޭ ތަފްސީލެއް ތޮލާލް ނުދެ އެވެ. އޭނާ ބުނީ ޑޮކްޓަރުގެ ރިޕޯޓު ލިބުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި އަދި އާއިލާއިން ބޭނުންވާ ގޮތަށް ރިޕޯޓު ލިބިފައިވާ ކަމަށް ވެސް ތޮލާލް ބުންޏެވެ.


އަފްޒަލްގެ ހަށިގަނޑު ވަޅުލުމަށް އާއިލާއިން ނިންމާފައި އެ ހާދިސާ ހިނގުމުގެ ކުރިން މި ވަނީ އޭނާ އަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ ޑޮކްޓަރުންގެ ރިޕޯޓްތައް ލިބޭއިރު އެ ނޫން ގޮތަކަށް އޮވެއްޖެނަމަ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ޕޯސްޓްމޯޓަމް ހަދައިގެން ނަމަވެސް ކަމުގެ ހަޤީޤަތް ހޯދާނެ ކަމަށް ބުނެފައި ވަނިކޮށެވެ.


ތޮލާލް އިތުރަށް ބުނީ، މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގަލޮޅު ސަހަރާގެ މޯޗަރީގައި ބާއްވައިފައި އޮންނަތާ ހަތަރު ދުވަސް ވެފައިވާ އަފްޒަލް ވަޅުލުމަށްފަހު ވެސް އެމައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މިހާރު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ބެލުމަށްފަހު އެކަމުގައި ފުލުހުން ނަގަންޖެހޭ ޒިންމާއެއް ވާނަމަ ފުލުހުން އެ ޒިންމާ ނަގާނެ ކަމަށެވެ.