29 Mar 2019, 23:28
މުޖުތަމައު އަމާންކުރެވޭނީ ކުށް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މުޖުތަމައުގެ އަމާންކަން ފުރިހަމަގޮތުގައި ދެމެހެއްޓޭނީ "ކުށްކުރުމުން ކުށްވެރިޔާ ހައްޔަރު ކުރަން ތިބުމުގެ ބަދަލުގައި ކުށެއް ކުރުމުގެ ކުރިން ކުށްވެރިޔާ ހުއްޓުވާ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކޮށްގެން" ކަމަށާއި "ކުށަށް އަރައިގަތުމަށް މަގުފަހިވާ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެ އެފަދަ ކަންކަން ހުއްޓުވައިގެން،" ކަމަށެވެ.
ރައީސް ވިދާޅުވީ ސިޔާސީ ނުފޫޒުގައި ފުލުހުން ޖެހުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގުމާ، ގާނޫނީ އިމުގެ ބޭރުން ކަންތައްކުރުމަކީ ފުލުހުންގެ އިތުބާރު ގެއްލޭ މައިގަނޑު ސަބަބުތައް ކަމަށެވެ. އެ ކަންކަމުގެ ސަބަބުން މިދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންގެ ކުރިމަތީ މި މުވައްސަސާގެ ނަންއޮތީ ވަރަށް ބޮޑަށް ކިލަނބުވެ އިތުބާރު ގެއްލިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މި ފަހަކަށް އައިސް ފުލުހުން ސާބިތުކުރަމުން ގެންދާ ޕްރޮފެޝަނަލް ނިޒާމާ، ގައުމީ މަސްލަހަތަށް އިސްކަންދިނުމުގެ ސިޔާސަތުގެ ސަބަބުން އެ އިތުބާރު އަލުން އަނބުރާ ފުލުހުންނަށް ލިބެން ފަށާފައި ވަނީ،" ރައީސް ވިދާޅުވިއެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މީހުން ކުށްތަކަށް އަރައިގަތުން މަދުވެ ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުންނަށް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
"ވެރިކަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން މިނިވަންކަމާއެކު، އަމާންކަން ގާއިމް ކުރުމުގެ އިހުތިޔާރު ފުލުހުންނަށް ދީގެން. ފުލުހުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެގެންވާ ބަޔެއްކަމުގެ ޔަގީންކަން ރައްޔިތުންނަށާއި ފުލުހުންނަށް އަރުވަން،"
ރައީސް ވިދާޅުވީ ފުލުހުންނަކީ ވަޒީފާއެއް އަދާކުރުމަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތިބޭ ބައެއް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކަށް އެއްވެސް ފިކުރެއް ވިސްނުމެއްނެތި އެމީހެއްގެ ދިރިއުޅުމާގެން ކުރިއަށް މިދެވެނީ ފުލުހުން ރެއާ ދުވާލު ހޭލާ ތިބެ، އަޅުގަނޑުމެންގެ ރައްކާތެރިކަމާ ސަލާމަތްކަން ކަށަވަރުކޮށްދޭތީ،" ރައީސް ވިދާޅުވީ ރައްޔިތުންނަށް ރައްކާތެރިކަމާއެކު ހިދުމަތްދޭނަމަ ކޮންމެ ފުލުހެއްގެ މޫނުމަތިން ރައްޔިތުންނަށް ފެންނަންވާނީ ހިނިތުންވުމާ އުފާވެރިކަން ކަމަށެވެ.
"ފުލުހަކާ ބައްދަލުވާހިނދު ރައްޔިތު މީހާއަށް ކުރެވެންވާނީ އަމާންކަމާ، ބިރެއް ނެތްކަމުގެ އިހުސާސް،" ރައީސް ވިދާޅުވީ ކިތަންމެ އުނދަގޫ ހާލަތެއްގައިވެސް ޖަޒުބާތުގައި ނުޖެހި ރީތި ބަސްމަގުން ވާހަކަދެއްކުމަކީ ފުލުހުންގެ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑު ކަމަށެވެ.
އަދުލް އިންސާފު ނުލިބުމަކި ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ ކަމަށް ރައީސް މިރޭ ވިދާޅުވިއެވެ.

ފުލުހުންގެ 86 ވަނަ އަހަރީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
"އަދުލް އިންސާފަށް ވާސިލްވުމުގައި ފުރަތަމަ ހަރުފަތަކީ ފުލުހުންގެ ތަހުގީގު އަހުގީގު އަވަސްކޮށް ކުށްވެރިޔާ ސަލާމަތް ނުވެވޭނެ ގޮތަށް، ކުށް ނުކުރާ މީހާ ޖަލަށް ވަންނަން ނުޖެހޭ ގޮތައް ތަހުގޫގު ކުރިއަށް ގެންދިޔުން،" ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ހާދިސާއެއްގައިވެސް ފުރަތަމަ ރައްޔިތުންނާ ބައްދަލު ކުރަނީ ފުލުހުން ކަމަށާއި ދަތި ހާލުގައިވެސް ޖަޒުބާތުގައި ނުޖެހި ރީތި ބަސްތަކުން މުހާތަބު ކުރުމަށް ރައީސް ވަނީ ފުލުހުންނަށް ިލްތިމާސް ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ފުލުހުންގެ ފަރާރުން ފެންނަންވާނީ އެކުވެރިކަމާ އޯގާތެރިކަމުގެ ސިފަ ކަމަށެވެ. ގައުމުގެ ހަމަޖެހުމާއި އަމާންކަން ގާއިމްވެފައި އޮންނާނީ ފުލުހުންގެ ތެދުވެރިކަމާ އަމާނާތްތެރިކަމުހެ މައްޗަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުލުހުންނަކީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށްވެ، ގާނޫނީ އިމުގެ ތެރޭގައި އެންމެ މަތީ ހިދުމަތް ދިނުމަށް ރައީސް ވަނީ ފުލުހުންނަށް އިލްތިމާސް ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ އެންމެ އެކަށީގެންވާގޮތަށް ފުލުހުންގެ ހިދުމަތް ދިނުމަށް އަދިވެސް އިތުރު ވަސީލަތްތައް ބޭނުންވާ ކަމަށެވެ.