29 Mar 2019, 23:27
މި ވެރިކަމުގެ ފާއިތުވި ހަތަރުމަސް ތެރޭގައި އެންމެ ހެޔޮ ބަދަލު އައީ ފުލުހުންގެ މުއައްސަސާއަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 86 ވަނަ އަހަރީ ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފުލުހުންގެ މުވައްސަސާ އިސްލާހު ކުރުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެއްޓެވި ކަމަށެވެ. ވެރިކަމުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިފައިވާ ފުލުހުންނާ ގުޅޭ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދިފައިވާ ކަމަށާއި ފުލުހުންގެ މަހާސިންތާގައި ބައިވެރިވި ރައްޔިތުންގެ ފަރާތުން މުއައްސަސާ އާ ގުޅޭ 737 ހިޔާލު ހުށަހެޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަހާސިންތާގައި ހުށަހެޅުނު ހިޔާލުތަކާއެކު ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލެވި މިރޭ ލޯންޗު ކޮށްދެއްވީ ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ރައީސް ލޯންޗުކޮށްދެއްވަނީ -- ފޮޓޯ: ފުލުހުން
ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެންމެ އިސްކަންދޭނީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާމެދު އިތުބާރާއި ޔަގީންކަން އުފެއްދުމަށް ކަމަށެވެ.
"އެކަން ހާސިލް ކުރުމުން މީހުން ކުށްތަކަށް އަރައިގަތުން މަދުވެ ގާނޫނު ތަންފީޒު ކުރުމުގައި ފުލުހުންނަށް ފަސޭހަ ވެގެންދާނެ،" ރައީސް ވިދާޅުވީ ފުލުހުންގެ މުވައްސަސާ އިސްލާހު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި އަބަދުވެސް ކުރަމުންދާންޖެހޭނެ ކަމެއް ކަމަށެވެ.
ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށާއި މިހާރުވެސް ފުލުހުންގެ މުވައްސަސާ އަކީ ސަރުކާރުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރެވޭ އެއް މުވައްސަސާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ކަމުގެ ނަތީޖާ ފުލުހުންގެ ފަރާތުން ފެންނަންވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ހަމަޖެހިގެން އުޅެވޭނެ މާހައުލެއް ރައްޔިތުންނަށް ފަހިކޮށްދިނުމަކީ ފުލުހުން ކުރަންޖެހޭނެ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ ކުރިން ރައްޔިތުންގެ ކުރިމަތީގައި ފުލުހުންގެ ތަސައްވަރު އޮތީ ވަރަށް ބިރުވެރި ސިފައެއްގައި. ނަމަވެސް ވެރިކަމާ ހަވާލުވުމަށްފަހު ފުލުހުންގެ ހިދުމަތަށް ގެނައި ބަދަލުތަކުގެ ނަތީޖާ ފެންނަން ފަށައިފި،" ރައީސް ވިދާޅުވީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު އަނބުރާ ލިބިފައިވާ ކަމަށެވެ.
ރައީސް ވަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފައެވެ.