ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މީރާއިން ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ވަކިލާރި، ފިހާރަތަކަށް މާރުކޮށްދީފި އެވެ. މީރާ އިން މާރުކޮށްދިން ވަކިލާރީގެ އަދަދު 173000ރ. އަށް އަރަ އެވެ.

ޖީއެސްޓީ ނަގަން ފެށުމާއެކު ފެންމަތިވި ވަކިލާރީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް މީރާއިން މާރުކުރި އެއްލައްކަ އަށްވުރެ ގިނަ ރުފިޔާގެ ވަކިލާރި ދޫކޮށްފައި ވަނީ މާލެ އާއި އަތޮޅުތެރޭގެ ވިޔަފާރިތަކަށް ކަމަށް މީރާގެ ޑައިރެކްޓާ އޮފް ރެވެނިއު ސާވިސަސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވި އެވެ. ހަމައެއާއެކު ފަތުހުﷲ ވިދާޅުވީ މީރާއިން ވަކި ލާރި މާރުކުރުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ބަލަނީ މި ދޫކުރެވުނު ލާރި ރޯލްކުރާނެ ކަމަށް. އޭރުން ލާރީގެ ދަތިކަމަށް ހައްލެއް އަންނާނެ،" ފަތުހުﷲ ވިދާޅުވި އެވެ.

މީރާއިން ދެ ހަފުތާތެރޭ ވަކިލާރިއަށް މާރުކުރި ފައިސާގެ ތެރޭގައި ގިނައިން ހިމެނެނީ މިހާރު ވިޔަފާރީގެ މުއާމަލާތްތަކުގައި ނުފެންނަ 50ލ. ދަށުގެ އަދަދުތަކެވެ. ފަތުހުﷲ ވިދާޅުވީ ވަކިލާރީގެ މައްސަލައަށް މިހާރު ކޮންމެވެސް ވަރެއްގެ ހައްލެއް އައިސްފައިވީ ނަމަވެސް ފިހާރަތަކުން ދޫކުރާ ވަކި ލާރި ފިހާރަތަކަށް އަލުން ވަންނާނެ ގޮތްތަކެއް ނުހޯދިއްޖެނަމަ އެ މައްސަލައަށް ހެއްލެއް ނެތް ކަމަށެވެ.
"ފިހާރައިގެ ވަތްގަނޑުން ދޭ ވަކި ލާރި އެބަޖެހޭ އަލުން ފިހާރައަށް ލިބެން. ގޭގައި ފޮރުވާފައި ބެހެއްޓެންޏާ އަނެއްކާވެސް މައްސަލަ އަންނާނެ،" އޭނާ ވިދާޅުވި އެވެ.

ޖީއެސްޓީއާއެކު ކަސްޓަމަރަށް ބާކީން ދޭންއިރު ގިނަ އަދަދަކަށް ވަކިލާރި ބޭނުންވެ އެވެ.