ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ޕިކަޕަކަށް އަރުވައިގެން މައްޗަންގޮޅީ ގެޔަކަށް ގެންދާ ފޮށިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރިކަމަށް އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 27 ވަނަ ދުވަހު ޑްރަގްއެންފޯސްމެންޓް ޑިޕާޓްމެންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސް ގުޅިގެން ހިންގި އޮޕަރޭޝަންސް ޑިޕާޓްމެންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޮޅި ގެއެއްގެ ގްރައުންޑް ފްލޯ ބަލާ ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ބިދޭސީން އަދި ތިން ދިވެހީން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 26 އަހަރުގެ ބަންގްލަދޭޝް މީހަކާއި 42 އަހަރުގެ އިންޑިއާ ފިރިހެނެއްގެ އިތުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 36 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 49 އަހަރުގެ ދިވެހި އަންހެނެކެވެ.

މި މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި އަޅާފައި ހުރި ނުވަ ރަބަރުގަނޑު ފެނިފައިވާ ކަމަށެވެ. އެތަކެތީގެ ވަގުތީ ބަރުދަނުގައި 2400 ގްރާމު ހުރި ކަމަށާއި، އޭގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި 17 ސެލޯފެން ކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމު ހުސްކުރި ދަޅެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށެވެ.