ވިހެއުމުން ދޭ ޗުއްޓީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށްވެސް ހަ މަހަށް އިތުރުކޮށްފި އެވެ.

ވިހެއުމުން މުސާރައާ އެކު ހަ މަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ސިވިލްސާވިސްގެ އަންހެން މުވައްޒަފުންނަށް ހަ މަހުގެ ޗުއްޓީ އިތުރު ކުރަން ނިންމާފައިވާ ކަމަށް ރައީސް ސޯލިހް އިއުލާން ކުރެއްވީ މިމަހު އަށްވަނަ ދުވަހު، އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އެއާއެކު ރައީސް ވަނީ ސަރުކާރުގެ އެހެން ކުންފުނިތަކާއި އެހެނިހެން މުއަސާސަތަކުން ވެސް ވިހެއުމުން ދޭ ޗުއްޓީ ހަ މަހަށް އިތުރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ސޯލިހް އެގޮތަށް އިލްތިމާސް ކުރައްވާފައިވާއިރު، ކަސްޓަމްސްއިން ވަނީ އިއްޔެއިން ފެށިގެން އެ މުއައްސަސާގެ އަންހެން މުވައްޒަފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް އިތުރުކޮށްފައެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު އިއުލާނުގައި ބުނީ، އެ މުއައްސަސާގެ އަންހެން މުވައްޒަފުންނަށް ވިހެއުމުން މުސާރައާއެކު ދޭ ޗުއްޓީ ހަ މަހަށް އިތުރުކޮށް، ފިރިހެން މުވައްޒަފެއްގެ އަނބިމީހާ ވިހެއުމުން މުސަރައާއެކު ދޭ ޗުއްޓީ އެއް މަސް ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެެވެ.

އަދި ރައީސް ސޯލިހްގެ ނިންމެވުމާއެކު ކަސްޓަމްސްގެ މުވައްޒަފުންގެ ގަވާއިދަށް އެގޮތަށް ބަދަލު ގެނެސް ގެޒެޓްގައި ޝާއިއު ކޮށްފައިވާ ކަމަށްވެސް އެ މުއައްސަސާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ކަސްޓަމްސްއިން އެ ގޮތަށް ނިންމަވާފައިވާ އިރު، މިހާތަނަށް ވަރަށް ގިނަ މުއައްސަސާތަކުންނާއި ކުންފުނިތަކުން ވަނީ ވިހެއުމުން ދޭ ޗުއްޓީ އިތުރުކޮށްފައެވެ.

މީގެ ކުރިން ވިހެއުމުން އަންހެން މުވައްޒަފުންނަށް ލިބެނީ އެއް މަސް ދުވަހުގެ ޗުއްޓީ އެވެ. އަދި ދަރިފުޅުގެ ބައްޕައަށް ލިބެނީ އެންމެ ތިން ދުވަހެވެ.