އަމިއްލަ ދިރިއުޅުމަށް ވުރެ މިހާރު އިސްކަން ދެއްވަނީ ރައްޔިތުންނަށް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ ދަށުން ހިނަގަމުން އަންނަނ ޓީވީއެމްގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގެނެސްދިން ހޭޔަންބޯ ޕޮރުގުރާމުގެ ހާއްސަ މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ދުވަހުގެ ތާވަލު ވަރަށް "ޓައިޓް" ކަމަށާއި ވެރިކަމަށް ވަޑައިގަތުމުގެ ކުރީން އެކަން އެ ގޮތަށް ވެދާނެ ކަމަށް ނުވިސްނަވާ ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު މިހާރު އެންމެ ބޮޑަށް އިސްކަން ދެއްވަނީ އަމިއްލަފުޅު ދިރިއުޅުމަށްވުރެ، ރައްޔިތުންގެ ކަންކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޝެޑިއުލް ވަރަށް ޓައިޓް. އަޅުގަނޑު ހިތަށް އެރީ ފުރަތަމަ ވެރިކަމާ ހަވާލުވުމަށްފަހު، ކުޑަ ދުވަސްކޮޅަކުއޭ މިގޮތަށް ދާނީ. ފަހުން ހަމައަކަށް އަޅުވާލެވޭނެއޭ. ނަމަވެސް ދެމަސް ތިން މަސް ވުމުން އަޅުގަނޑަށް އެނގިއްޖެ މިއީ އެހެން އޮތް ކަމެއް ނޫން ކަން. އަޅުގަނޑުގެ ސިކުނޑި މުޅިން މިހާރު އެ [ޝެޑިއުލްއަށް] މުޅިން ފިޓް ކޮށްފިން،" ރައީސް ސޯލިހް ވިދާޅިވިއެވެ.

"[އަޅުގަނޑު ދެކޭ ގޮތުގައި] ރައްޔިތުންގެ ހިދުމަތުގައި އެންމެ ވަގުތުކޮޅަކަށްވެސް އަޅުގަނޑުގެ ސިކުނޑި ދުރަށް ގޮސްގެން ނުވާނެ މިހާރު. އެހެންވީމަ އަޅުގަނޑުގެ އަމިއްލަ ހުރިހާ ކަމަކަށްވުރެ، މިހާރު އިސްކަން މި ދެވެނީ އެ މަސައްކަތަށް،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައިސް ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ކޮންމެ ދުވަހެއްގެ މަސައްކަތްތައް ވެސް ނިންމަވަން އަމާޒު ހިއްޕަވަނީ، ދަންވަރު ބާރަ ޖަހާއިރަށް ކަމަށާއި ހޭފުޅު ލައްވަނީ ފަތިހު ފަހެއް ޖަހާއިރު ކަމަށެވެ. "ހެނދުނު ފުރަތަމަ ވެސް ކުރާ ކަމަކީ ރައްޔިތުންގެ މެސެޖްތަކަށް ވީވަރަކުން ޖަވާބު ދިނުން" ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ގިނަ ރޭރޭ 12 ޖަހާއިރު ވެސް ނިދޭ ގޮތެއް ނުވޭ. އެއީ 12 ޖަހާ އިރަށް ނިންމާފައި އޮށޯވެވޭތޯ ބަަލަނީ. ހެނދުނު ފަހެއް ޖަހާއިރު ހޭލަނީ. ހޭލައިގެން ފަތިސްނަމާދަށްފަހު ކުޑަ ރެސްޓަކަށް ފަހު، ފުރަތަމަ ކުރާކަމަކީ ފޯނު ބެލުން. ފޯނަށް އައިސް ހުރި މެސެޖްތައް [ބެލުން]. ފުދޭވަރަކަށް މެސެޖް ހުރޭ. ހާހުން ދެހާހުން. އެއަށް ވީވަރަކުން އެޓެންޑް ކުރުން،" ރައީސްގެ ޝެޑިއުލްއާ ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިންނާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު އައިލާއާ އެކު ހޭދަ ކުރައްވާ ވަގުތުތައް ވެސް ހިއްސާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އައިލާއާއެކު ގިނަ ކަންތައްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މިހާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެހާ ވަރަށް އައިލާއަށް ވަގުތު ނުދެއްވޭ ކަމަށެވެ.

"[ވެރިކަމާ ހަވާލުވުމުގެ ކުރިން] ގެ ސާފު ކުރުމާއި ބާޒާރު ކުރުމާއި ގެއަށް ގަންނަން ޖެހޭ އެއްޗިސް ގަތުމުގައާ އެހުރިހާ ކަމެއްގައި [ބައިވެރިވެ] އުޅެން. ނަމަވެސް މިހާރު އެއަކަށް ވަގުތެއް ނުވޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަކީ އެއްވެސް އިރެއްގައި ހިތްޕުޅަށް އެރި ކަމެއްތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ރައީސް ވިދާޅުވީ، ރައީސް ކަމަށް ވަޑައިގަތުމަށް އެއްވެސް ވަރަކަށް ހިތްޕުޅަށް ނާރާ ކަަމަށާއި ނަމަވެސް މީހެއްގެ ވަޒީފާ އަދާ ނުކުރައްވައި އަބަދުވެސް ބޭނުންފުޅު ވީ ރައްޔިތުން އިންތިހާބު ކުރާ މަގާމެއްގައި ހުންނަވަން ކަމަށެވެ. އެހެން ނޫން ނަމަ ބޭނުންފުޅު ވީ، އަމިއްލަފުޅު މަސައްކަތްޕުޅު ކުރައްވަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ ވަރަށް ގިނަ ފަރާތްތަކެއްގެ މަޝްވަރާއާއި އެދުމުގެ މަތިން ކަމަށާއި އޭރުވެސް އެކަމާ މެދު ވަރަށް ބޮޑަށް ވިސްނެވި ކަމަށެވެ.

"މިހާރު ހިތަށް އަރާ މިއީ ރަނގަޅު ނިންމުމޭކޭ. ނަމަވެސް ފުރަތަމަ މިކަމާ އެންމެން މަޝްވަރާ ކުރަމުން ދިޔަ އިރު އަޅުގަނޑު ވަރަށް ވިސްނިން. ވަރަށް ފަހުން އަޅުގަނޑު އެ ޑެސިޝަން ނެގީ. ވަރަށް ގިނަ މީހުންގެ އެދުމާއެކު. އަޅުގަނޑު މިހާރު ހިތަށް އަރާ ރަނގަޅު ޑެސިޝަންއެކޭ،" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސްގެ އިންޓަވިއުގައި މިނިވަން އަދި ނޫފޫޒުން އެއްކިބާ ވެފައިވާ ނޫސްވެރިކަމެއް ރާއްޖޭގައި އޮންނާން ޖެހޭ ކަމަށް ރައީސް ސޯލިހް ކުރީން ވިދާޅުވި ވިދާޅުވުންތަކުރާރު ކުރެއްވިއެވެ. އަދި ސަރުކާރުން މީޑިއާއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ވެސް ރައީސް ޓީވީއެމްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.