ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ކައުންސިލަރުންނަށް ވެސް ދޭން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފިއެވެ.

އެލްޖީއޭ އިން ބުނީ ވިހެއުމާ ގުޅިގެން އަންހެން ކައުންސިލަރުންނަށް ހަ މަސްދުވަހުގެ މެޓާނިޓީ ލީވް އަދި ދަރިއަކު ލިބުމުން ފިރިހެން މުވައްޒަފުންނަށް އެއް މަސްދުވަހުގެ ޗުއްޓީ ދޭން ނިންމާފައިވާ ކަމަށެވެ.

ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއަށް ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދަށް އަމަލުކުރަން ނިންމައި އެކަން އިއުލާނު ކުރެއްވީ މިއަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން ކ. މާފުށީގައި ބޭއްވި ޖަލްސާގައެވެ.

ރައީސްގެ މި ނިންމެވުމާ އެކު ސިވިލްސާވިސްއާއި ސަރުކާރުގެ އެހެން މުވައްސަސާތައް އަދި މިނިވަން މުވައްސަސާތަކުންނާއި އަމިއްލަ ކުންފުނިތަކުން ވެސް ވަނީ މި ނިިންމެވުމަށް އަމަލު ކުރަން ނިންމައި ވިހެއުމުން ދޭ ޗުއްޓީ އިތުރު ކޮށްފައެވެ.