ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ބޭނުން ކުރާ ވޯޓު ފޮށިތަކާއި ވޯޓު ކަރުދާސްތައް ރަށްރަށަށް ފޮނުވަން ފަށައިފި އެވެ.

މަޖިލިސް އިންތިހާބު އޮންނަނީ ފެށޭ މަހުގެ ހަވަނަ ދުވަހު އެވެ. އިންތިހާބުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އަތޮޅުތަކަށް ފޮނުވަންޖެހޭ ފޮށިތައް މިހާރު ފޮނުވަމުންދާ ކަމަށާއި އެޕްރިލް ދެވަނަ ދުވަހުގެ ކުރިން ހުރިހާ ފޮއްޓެއް ފޮނުވާ ނިމޭނެ ކަމަށެވެ.

"ފޮށިތައް ރޭގައި ރަށްރަށަށް ފޮނުވަން ފަށާފައި މިވަނީ. ފޮށިތަކުގެ އިތުރުން ވޯޓު ކަރުދާހާއި ވޯޓޫލާ މަރުކަޒުގައި ބޭނުން ކުރާނެ ހުރިހާ އާލާތެއްވެސް މިދަނީ ފޮނުވަމުން." އަކްރަމް ވިދާޅުވި އެވެ.

ފޮށިތަކާއި ކަރުދާސް ފޮނުވަމުން ދަނީ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކާއި ފުލުހެއްގެ ހަވާލުގައި ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުން ފައިނަލް ލިސްޓް އީސީން މިހާރު ވަނީ އާންމުކޮށްފަ އެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264442 މީހުން އެބަތިއްބެވެ.

އިންތިހާބުގައި ވާދަ ކުރަން 408 ފަރާތަކުން ވަނީ ހުށަހަޅައިފަ އެވެ.