29 Mar 2019, 15:53
މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން ބޭރުގެ ޖަމިއްޔާއެއް ކަމަށްވާ ޗާޓަޑް އިންސްޓިޓިއުޓް އޮފް ޕާސަނަލް ޑިވެލޮޕްމަންޓް (ސީއައިޕީޑީ) އާއެކު ރާއްޖޭގައި އިންސާނީ ވަސީލަތް ތަރައްގީ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި މާޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު އިބްރާހިމެވެ. ސީއައިޕީޑީގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ރީސަޗް އެޑްވާޑް ހޯޓަން އެވެ.
ސީއައިޕީޑީ އަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު ޖަމާއަތެވެ. އެ ޖަމާއަތަކީ އިނގިރޭސި ވިލާތުގައި ހިންގާތާ 100 އަހަރުވެފައިވާ ޗާޓާޑް އިންސްޓިޓިއުޓެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުން 150،000 އަށް ވުރެ ގިނަ މެމްބަރުން ބައިވެރިވާ އެ ޖަމާއަތަކީ ދުނިޔޭގެ ފެންވަރުގައި އެޗްއާރު ދާއިރާ އިން އެންމެ ވަރުގަދަ ނަންހިނގާ ޖަމާއަތް ވެސްމެ އެވެ.
އެ ޖަމިއްޔާ އިން ދަނީ ދުނިޔޭގެ އެކި ގައުމުތަކުގައި އެޗްއާރުގެ ދާއިރާއިން މީހުން ބިނާ ކުރަމުންނެވެ.
އެ އެއްބަސްވުމުގެ ދަށުން ސީއައިޑީޕީ އިން ރާއްޖޭގައި ހިއުމަން ރިސޯސް ވަރުގަދަ ކުރުމަށް ތަފާތު މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މާޕްއިން ބުންޏެވެ.
އެގޮތުން އެޗްއާރު ދާއިރާގެ ރިސާޗް ޝެއާ ކުރެވޭނެ ޑާޓާ ބޭސްއެއް ގާއިމް ކޮށް މީހުން ބިނާކުރުމާއި އެޗްއާރު ދާއިރާއާއި ގުޅުން ހުރި މައުލޫމާތު ވީހާ ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ އިތުރުން ސީއައިޕީޑީ އެކު މަސައްކަތް ކުރާ ދުނިޔޭގެ އެހެން ފަރާތްތަކުގެ ތަޖުރިބާ ރާއްޖެއާ ހިއްސާ ކުރެވިގެންދާނެކަމަށް މާޕްއިން ބުންޏެވެ.
އެމްއޭއެޗްއާރްޕީ އަކީ ހިއުމަން ރިސޯސްގެ ދާއިރާއަށް މީހުން ހޭލުންތެރި ކުރަން މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެކެވެ. އެޖަމިއްޔާ އުފެދުނުތާ އެއް އަހަރު ވެފައިވާ އިރު، ދާއިރާއާއި ގުޅުންހުރި ތަފާތު ގިނަ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން ޖަމިއްޔާއިން މި މަހުގެ ކުރީކޮޅު ދަރުބާރުގޭގައި ބޭއްވި އެޗްއާރު ކޮންވެންޝަން އެންޑް އެކްސްޕޯ ގައި 400 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މި ކޮންވެންޝަން އަކީ މިގޮތަށް ރާއްޖޭގައި މިހާ ފުރިހަމަކޮށް ބޭއްވިގެން ދިޔަ ކޮންވެންޝަންކަން ފާހަގަ ކޮށްލަމެވެ. .