16 Oct 2011, 14:32
ހދ. ކުޅުއްދުފުށީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކެއްގެ ފައި ބިންްދައިގެން ހިނގައްޖެ އެވެ.
މިއަދު، ހެނދުނު ގާތްގަނޑަކަށް 10:30 އެހާކަންހާއިރު ހިނގި އެކްސިޑެންޓުގައި ފައި ބިންދައިގެން ދިޔައީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިން، ކުޅުދުއްފުށީ ނަލަހިޔާގޭ އަހުމަދު ވަހީދެވެ. ބިންދައިގެން ދިޔައީ އޭނާގެ ވާތު ފައެވެ.
އެކްސިޑެންޓަށްފަހު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަމުން އަންނަ ވަހީދަށް ލިބިފައިވާ ގެއްލުންތަކާބެހޭ ގޮތުން އެ ހޮސްޕިޓަލުން ބުނީ ވަހީދުގެ ވާތުފައި ބިންދައިންގެން ގޮސްފައި ވަނީ ކަކުލު ހުޅުން ކަމަށާއި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެރަށު ކުދިމާގޯޅީގައި ހިނގި އެކްސިޑެންޓުގައި ވަހީދުގެ ފައި ބިންދައިގެން ގޮސް ކަށިގަނޑު ބޭރަށް ނުކުމެ ލޭ ވެސް ފައިބާފައި ހުރި ކަމަށެވެ. އަދި ބުނީ އެކްސިޑެންޓުވީ ކާރާއި ސައިކަލު ދުއްވުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކަމަށެވެ.
އެކްސިޑެންޓުގައި ސައިކަލަށާއި ކާރަށް ވެސް ބައެއް ގެއްލުންތައް ވަނީ ލިބިފަ އެވެ. ފުލުހުން ބުނީ ކުޅުދުއްފުށީ އެކްސިޑެންޓު ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީގައި މިދިޔަ ހަފުތާގައި ވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.