29 Mar 2019, 16:06
ހުޅަނގުގެ މުޖްތަމައުތަކުގައި ފެތުރެމުންދާ ދޮންމީހުންގެ ހައްދުފަހަނަޅާފައިވާ ގައުމީ ފިކުރު މައިތިރިކުރުމަކީ ހަމައެކަނި ނިއުޒިލޭންޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ވަނީ ވިދާޅުވެފަ އެވެ.
މީގެ ދެ ހަފްތާކުރިން ނިއުޒިލޭންޑްގެ ކްރައިސްޗާޗްގެ ދެ މިސްކިތެއްގައި ހުކުރު ނަމާދުކުރަންތިބި މުސްލިމުންނަށް އަމާޒުކޮށް އޮސްޓްރޭލިޔާގެ ޓެރަރިސްޓަކު ހިންގި ގަތްލު އާންމުގައި މަރުވި 50 މުސްލިމުންގެ ހަނދާނުގައި ބޭއްވި ތައުބީނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޑެން ވަނީ ހުޅަނގުގައި އާލާވަމުންދާ ދޮންމީހުންގެ ހައްދު ފަހަނަޅާފައިވާ ގައުމީ ފިކުރަކީ ހަމައެކަނި މުސްލިމުންނަށް އޮތް ބިރެއް ނޫންކަމަށާއި އެއީ މުސްލިމުންނެކޭ އެއްފަދައިން ދޮން މީހުންނަށާއި އަދި އެނޫންމީހުންނަށް އޮތް ބިރެއްކަމަށް ވިދާޅުވެ ވަރަށް އަސަރުގަދަ ވާހަތަކެއް ދައްކަވާފަ އެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައަށް މަގުފަހިވެގެންދިޔައީ ވެސް ޔޫރަޕްގައި އުފެދުނު ދޮންމީހުންގެ ހައްދުފަހަނަޅާފައިވާ ފިކުރުގެ ސަބަބުންކަމަށް އާޑެން އިޝާރާތް ކުރެއްވި އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ މުޖްރިމުން ކަމަށްވާ ނާޒީ ޖަރުމަނުގެ ލީޑަރު އެޑޮލްފް ހިޓްލަރާއި އިޓަލީގެ ފެޝިޒަމްގެ ލީޑަރު ބެނީޓޯ އެމިލްކެއާ މޮސޮލީނީ އަކީ ދޮންމީހުންގެ ހައްދު ފަހަނާފައިވާ ފިކުރުގެ ބާނީންނެވެ. އެބޭފުޅުން ވަނީ މިފިކުރުގައި މުޅި ޔޫރަޕް ހަލާކުކޮށް ސުންނާފަތިކޮށްފަ އެވެ.
ދޮން ނަސްލަކީ އެހެން ނަސްލުތަކުގެ މީހުންނަށް ވުރެ މާމަތީ ނަސްލެއްކަމާއި އެހެން ނަސްލުތަކުގެ މީހުންނަކީ މާދަށުދަރަޖައިގެ ބައެއްކަމަށް ދެކޭ ހައްދުފަހަނަޅާފައިވާ ފިކުރު ޔޫރަޕްގެ ޒުވާނުންގެ މެދުގައާއި ޔޫރަޕާއި އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި މިހާރުވަނީ އާދަޔާ ޚިލާފު ބާރު މިނެއްގައި ފެތުރެން ފަށާފަ އެވެ. މިފިކުރު ފެތުރެމުންދަނީ އެކަމަށް ހިއްވަރުދޭ ލިޔުންތަކާއި ޚިތާބުތަކާއި ޚިޔާލީ ވާހަކަތަކާއި އެނޫން ވެސް އަދަބިއްޔާތާއި ލިޔެކިޔުންތަކުގެ ސަބަބުންނެވެ.
ހުޅަނގުގައި ހައްދުފަހަނަޅާފައިޥާ ފިކުރަށް ނިސްބަތްވާ މީހުންނާއި އެފިކުރަށް ތާއީދުކުރާ ސިޔާސީ ޕާޓީތަކަކީ އެމެރިކާއާއި ޔޫރަޕްގައި މީގެއަހަރުތަކެއް ކުރިން ފަރުދާގެ އަނެއްފަރާތުގައި ހަރަކާތްތެރިވަމުން ދިޔަ މަދުބައެއް ނަމަވެސް އެފަރާތްތައް މިއަދުވަނީ ގިނަވެ އާންމުންގެ ތާއީދުލިބުމާ އެކު ފަރުދާގެ ކުރިޔަށް އަރައިފަ އެވެ. ހުޅަނގުގެ އެންމެ ބޮޑު ގައުމު ކަމަށްވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް މި ހަރުކަށި ފިކުރަށް ނިސްބަތްވާ ބޭފުޅެކެވެ. ޓްރަމްޕަށް ސަޕޯޓްކުރާ ސަޕޯޓް ބޭސްގައި ހިމެނޭ މީހުންނަކީ މިފިކުރުގެ މީހުންނެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ހަރުކަށިކަމާ ދިމާއަށް މިސްރާބު ޖަހަފައިވާއިރު އެމެރިކާ ޒަމާނުއްސުރެ ގެންގުޅޭ ޑިމޮކްރަސީގެ ނިޒާމަށްވަނީ މިކަމުގެ ސަބަބުން ވަރުގަދަ ލޮޅުމެއް އަރާފަ އެވެ. އަދި އެމެރިކާގެ މިނިވަން މުއައްސަސާތަކަށް ވެސް ޓްރަމްޕްވަނީ ބާރާއި ނުފޫޒު ހިންގަވަން ފައްޓަވާފަ އެވެ. މިއާއެކު ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ބަލިކަށިވެ ދުނިޔޭގައި އެމެރިކާވަނީ ވަރަށް ބޮޑަށް ބޭޒާރުވެ ފަޟީހަތްވެފަ އެވެ.
މީގެއިތުރުން ޔޫރަޕްގެ ބައެއްގައުމުތަކުގައި ތާއީދު ނެތިގެން ސިޔާސީގޮތުން ކުރިން އެކަހެރިވެފައިވާ ހަރުކަށި ފިކުރުގެ ސިޔާސީ ޕާޓީތައް މިހާރުވަނީ އެގައުމުތަކުގެ ޕާލަމެންޓާއި ސިޔާސީ މަހްފަލްތަކުން ޖާގަ ހޯދައި ސިޔާސީ މަސްރަހުގެ ކުރިޔަށް ޖެހިލާފަ އެވެ. އިޓަލީ އާއި ރުމޭނިޔާއާއި ނެދަލޭންޑްސް އާއި އޮސްޓްރިއާ ފަދަ ގައުމުތަކުގައި މިފަދަ ޕާޓީތަކުގެ ބާރު މިހާރުގަދަ އެވެ. އަދި ފަރަންސޭސިވިލާތުގެ ހަރުކަށި ވިސްނުމުގެ ލީޑަރު މެރީ ލޮޕޭންގެ ޕާޓީމިހާރުވަނީ ސިޔާސީގޮތުން ދެވަނަ ދަރަޖާގައި އެގައުމުގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވަމުންނެވެ.
ޔޫރަޕްގެ ގައުމަކަށް ނުވިނަމަވެސް ދޮން މީހުން ދިރިއުޅޭ ގައުމެއް ކަމަށްވާ އޮސްޓްރޭލިޔާގެ ޕާލަމެންޓްގައި ވެސް ހައްދުފަހަނަޅާފައިޥާ ދޮންމީހުންގެ ފިކުރަށް ނިސްބަތްވާ މީހުން އެބަތިއްބެވެ. އޭގެތެރެއިން މީހަކު ވަނީ ނިއުޒިލޭންޑްގައި މުސްލިމުންނާ ދެކޮޅަށް ހިންގި ގަތްލުއާންމަށް ވެސް ތާއީދުކޮށް ވާހަކަ ދައްކާފަ އެވެ.
ކްރައިސްޗާޗްގައި ދޮން ނަސްލުގެ ޓެރަރިސްޓަކު ހިންގި ގަތްލު އާންމުގައި މަރުވި މުސްލިމުންގެ ތައުބީންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނިއުޒިލޭންގެ ބޮޑުވަޒީރު ވަނީ ހުޅަނގުގައި އުފެދި އާލާވަމުންދާ ދޮންމީހުންގެ ހައްދު ފަހަނަޅާފައިވާ ގައުމީ ފިކުރަށް ސަމާލުވެތިބުމަށާއި އެފިކުރުގައި ނުޖެހުމަށް ނިއުޒިލޭންޑްގެ ޒުވާނުންނަށް ގޮވާލައްވާފަ އެވެ.
ޔޫރަޕްގައި އުފެދެމުންދާ ހައްދު ފަހަނަޅާފައިވާ ފިކުރަކީ އިސްލާމީ ގައުމުތަކުގައި ދީނުގެ ނަމުގައި ދީން ހަލާކުކުރުމަށް އުފެދެމުންދާ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުގެ ފިކުރާއި އަލްގާއިދާގެ ފިކުރާ އެއްފަދަ ފިކުރެކެވެ. މިދެ ފިކުރަށް ނިސްބްތްވާ ހަރުކަށި މީހުންގެ ތަފާތަކީ ހަމައެކަނި މަގްސަދާއި ލަނޑުދަނޑީގެ ތަފާތެވެ. މަގްސަދު ހާސިލް ކުރުމަށް ބޭނުންކުރާ ވަސީލަތްތަކާއި ވިސްނުން މުޅިން އެއްގޮތެވެ.