ރާއްޖެއަށް ހަމަޖެހުމެއް ލިބެން އޮތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ދީގެން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މަނީލޯޑަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ބަންދުގައި ހުންނަވަނިކޮށް އިއްޔެ ހައިކޯޓުން ވަނީ ޔާމީން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ. މިނިވަން ވުމަށް ފަހު އެންމެ ފުރަތަމަ އާންމުކޮށް ވާހަކަފުޅު ދެއްކެވީ މަޑުއްވަރީ ދާއިރާއަށް ޕީޕީއެމް ޕީއެންސީއިން ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝަރީފުގެ ކެމްޕެއިން ޖަލްސާގައި ފޯނުން ގުޅުއްވައިގެންނެވެ.

ފޯނުކޯލު މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މިހާ ހިސާބުން ރައްޔިތުން އިހުލާސްތެރިވާން ވެއްޖެ ކަމަށެވެ.

"އަޅުގަނޑު ހަމަ ކުރާނެ އާދޭހަކީ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނެ އިލްތިމާސަކީ ދިވެހިރާއްޖޭގެ މަސްލަހަތު އޮތީ ދިވެހިރާއްޖޭގެ އަމާންކަން އޮތީ. ދިވެހިރާއްޖޭގެ އެއްވެސް ބަޔަކަށް ހަމަނޭވާ ލެވެން އޮތީ މިފަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ގޮޑިތަކެއް ބޮޑު އަޣުލަބިއްޔަތެއް ޕީޕީއެމް ޕީއެންސީ އަޅުގަނޑުމެން ތިން ޕާޓީއަށް ރައްޔިތުން ދެއްވައިގެން." ފޯނުން ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީޕީއެމް ޕީއެންސީ އަދި ޖޭޕީއަށް ދޭ ކޮންމެ ވޯޓަކީ ރާއްޖެއަށްޓަކައި ކޮށްދެއްވާ ކަމެއް ގޮތުގައި ހައްދަވައި ދެއްވުމަށް އެދޭ ކަމަށެވެ. ޔާމީން ވިދާޅުވީ ދުނިޔޭގެ ދަޅައަށްމީހުން ހެއްލޭނެ ކަމަށެވެ. އެކަމަކު "މިކަހަލަ މުހިންމު ކަންކަމުގައި ނަފުސުތައް ވީރާނާވާން ޖާގަދޭކަށް ނުވާނެ" ކަމަށް ޔާމީން ވިދާޅުވި އެވެ.

ގައުމުގައި އޮންނާނެ ތައުލީމީ ނިޒާމާއި އަމާންކަމަށް ވިސްނާނަމަ ޕީޕީއެމް ޕީއެންސީ އަދި ޖޭޕީއަށް ވޯޓު ހައްގު ނުވާނެ ހަމަ އެއްވެސް ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ތިބޭފުޅުންނާއެކީ ފާހަގަތި ދުވަސްތަކެއް ދިވެހިރާއްޖޭގައި ހޭދަކުރަން އަޅުގަނޑުވެސް ބޭނުންވޭ. އެހެންނަމަވެސް އަޅުގަނޑަށްވެސް ކުރެވޭނީ ކޮންމެވެސް ވަރަކަށް މަސައްކަތް. އަޅުގަނޑަށް ވީވަރައް ކުރެއްވިޖެ. ދެން ރައްޔިތުން އަޅުގަނޑާއެކީ ތިއްބަވަން ބޭނުންފުޅު ނުވާ ކަމަށްވަންޏާ އަޅުގަނޑުގެ ހިދުމަތުގެ ސޮފްހާވެސް މިހާ ހިސާބުން ޖެހޭނީ ނިންމާލަން." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުން ހާލަތު ބަދަލުކުރަން ބޭނުން ނުވާ ކަމަށް ވާނަމަ މާތް ﷲގެ މިންވަރުފުޅުގައި އެކަމެއް ނޯންނާނެ ކަމަށެވެ. ޔާމީން ވިދާޅުވީ މާލޭގައި އޮތް ތަރައްގީ ރާއްޖެތެރެއަށް ގެންދިއުމަށް ހަމައެކަނި މަސައްކަތް ކުރި ވެރިޔަކީ އޭނާ ކަމަށާއި އެކަމަށްޓަކާވެސް ޕީޕީއެމަށް ވޯޓު ދޭން ޖެހޭ ކަމަށެވެ.

ޔާމީން ވިދާޅުވީ ރައްޔިތެއްގެ ޖީބަށްލާ ފައިސާ ފޮއްޗަކީ މުހިންމުވާނެ އެއްޗެއް ކަމަށާއި އެކަމަކު އެއަށްވުރެ ބޮޑަށް މުހިންމުވާންވީ ގައުމުގެ މިނިވަންކަމާއި ގައުމު ކަމަށެވެ.

"ވަގުތީ ގޮތުން ލިބޭ ލާރިފޮއްޗަކަށް ތިބޭފުޅުން ގައުމު ވިއްކާ ނުލައްވާ." އާދަމް ޝަރީފަށް ވޯޓު ދެއްވުމަށް އެދި އާދޭސް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.