29 Mar 2019, 13:14
ބަންދުކޮށްފައި ހުރީ އެއްވެސް ކަހަލަ ހުއްޖަތެއް އޮވެގެން ނޫން ކަމަށާއި އެއީ ސިޔާސީ ބަންދެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
މަނީލޯޑަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެކިފޮރުވަން އުޅުނު ކަމުގެ ތުހުމަތުގައި ބަންދުގައި ހުންނަވަނިކޮށް އިއްޔެ ހައިކޯޓުން ވަނީ ޔާމީން މިނިވަން ކުރުމަށް އަމުރުކޮށްފަ އެވެ. މިނިވަން ވުމަށް ފަހު އެންމެ ފުރަތަމަ އާންމުކޮށް ވާހަކަފުޅު ދެއްކެވީ މަޑުއްވަރީ ދާއިރާއަށް ޕީޕީއެމް ޕީއެންސީއިން ވާދަކުރައްވާ ކެންޑިޑޭޓް އާދަމް ޝަރީފުގެ ކެމްޕެއިން ޖަލްސާގައި ފޯނުން ގުޅުއްވައިގެންނެވެ.
އެ ޖަލްސާގައި ފޯނުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ ބަންދުކޮށްފައި ހުރީ ސިޔާސީ ބަންދުކުރުމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައިވާ ކަމަށެވެ.
"އެއްވެސް ކަހަލަ ހުއްޖަތެއް އެއްޗެއް އޮވެގެން ނޫން. އެއްވެސް ކަމެއް އޮވެގެނެއް ނޫން. ހަމަ ސިޔާސީ ބަންދަކުން އަޅުގަނޑު ބަންދުކުރެވުނީ" ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އަދިވެސް ސަރުކާރުން އޭނާ ބަންދުކުރައްވާނެ ކަމަށެވެ. އެހެންވީމަ ރައްޔިތުން އެކަހަލަ ކަންކަމާ މެދު މިއަދު ހޭލަންވެއްޖެ ކަމަށް ޔާމީން ވިދާޅުވި އެވެ. މިހާތަނަށް ރާއްޖެއަށް ގެނައި ތަރައްގީއެއް ގަނައީ އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުންކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން އެދިލެއްވީ ހަމަ ނޭވާލާން ބޭނުން ނަމަ އަދި ގައުމަށް ހަމަޖެހުމެއް ބޭނުން ނަމަ ޕީޕީއެމް ޕީއެންސީ އަދި ޖުމްހޫރީ ޕާޓީއަށް ވޯޓޫ ދެއްވުމަށެވެ.
"އަޅުގަނޑު ބަންދުވެސް ކުރެވިދާނެ. އަދިވެސް ބަންދު ކުރެވިދާނެ އަދި ކުރާނެވެސް މެ. އެކަމަކު ކީއްވެގެންތޯ ރައްޔިތުންނަށްޓަކައި މިވަރު މަސައްކަތެއް މިވަރު ބުރައެއް އުފުއްލަމުންދާއިރު ޕީޕީއެމް ނޫން ބަޔަކަށް ވޯޓުދޭންވީ." ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ދައުލަތުން އެ ކޯޓަށް ހުށަހެޅި މަނީ ލޯންޑަރިން މައްސަލައިގެ އިތުރުން ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި ހެކީންނަށް އެމަނިކުފާނު ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ.
ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރާ ރިއާޔަތްކޮށް ކަމަށްވީ އިރ،ު އަދި އެ މާއްދާތަކުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށްވީ އިރު، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 3:54 އަށް އެ މުއްދަތު ހަމަވެފައިވާ ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ޔާމީން ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ބަންދުން ދޫކޮށްލުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.