ކައުންސިލުތަކަށް ހަމަޖައްސާފައިވާ ބަޖެޓް ބޭނުން ކުރަން ކޮންމެ ފަހަރަކު ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ހެދުމަށް މަޝްވަރާތައް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިހާރު ކައުންސިލުތަކުން ކިތަންމެ ކުޑަ ހަރަދެއް ކުރި ނަމަވެސް ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ނޫނީ އެ ހަރަދެއް ނުކުރެވެ އެވެ.

ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ކައުންސިލުތަކަށް ބޭނުންވަނީ މާލީ ފުދުންތެރިކަމަށްވުރެ ބޮޑަށް މާލީ މިނިވަންކަން ކަމަށެވެ.

"ކައުންސިލުތަކަށް ހެޔޮ ބަދަލެއް ގަނައުމަށްޓަކައި އަޅުގަނޑުމެން މިހާރު ގަސްތުކުރަނީ އެބޭފުޅުންނަށް މިނިވަންކަމާއެކު ޚަރަދު ކުރެވޭނެ ނިޒާމެއް ގެންނަން. އެމަސައްކަތް އަޅުގަނޑުމެން އެލްޖީއޭއެއްކޮށް އެބަކުރެވޭ. މިހާރު މިވާގޮތަކީ ކޮންމެ ކަމެއް ކުރުމަށްވެސް ފިނޭންސް މިނިސްޓްރީގެ ހުއްދައަކަށް އެބަ އެދެންޖެހޭ." ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކަމަކަށް 2000 ރުފިޔާ ހަރަދުކުރަން ވިޔަސް ފިނޭންސް މިނިސްޓްރީއަށް ލިޔަން ޖެހޭ ކަމަށާއި ނަމަވެސް މިހާރު މަޝްވަރާ ކުރެވެމުން ދަނީ އެ ބާރުތައް ދޫކޮށްލުމަށް ކަމަށެވެ. އަދި ކައުންސިލުތަކަށް އެންމެ މުހިންމުވާ ކަންކަމަށް ހަރަދު ކުރުމުގެ މިނިވަންކަން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލާ މަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައިވެސް މާލީ މިނިވަންކަން އަދި މާލީ ފުދުންތެރިކަން ކައުންސިލުތަކަށް ދިނުމަށް ހުށަހަޅާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ އިސްލާހުތައް އައުމުން ކައުންސިލުތައް މިނިވަންވެ ކައުންސިލުތަކުން ވިޔަފާރިތައް ކޮށް ބަޖެޓް މެނޭޖް ކުރުމަށް މަސައްކަތް ކުރެވޭތަން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލުތަކަށް ހާއްސަކޮށްގެން ބަޖެޓްކުރާ ފައިސާއިން ބާކީވާ ބައި އަހަރު ނިމުމުން ކައުންސިލުތަކުގެ އެކައުންޓަށް ޖަމާކުރަން ހަމަޖެހިފައި އޮތް ނަމަވެސް މިހާތަނަށް އެކަން ކޮށްފައި ނުވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. ނަމަވެސް މިދިއަ ހަފްތާގައި ސަރުކާރުން އެފައިސާ ކައުންސިލުތަކުގެ އެކައުންޓަށް ޖަމާކުރަން ފަށާފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް 2018ވަނަ އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ޚަރަދުނުވެ ބާކީ ހުރި 31.39 މިލިއަން ރުފިޔާ ކައުންސިލްތަކަށްޖަމާކޮށްދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީއިން އިއްޔެ ބުންޏެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ 2015 ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަކަށް އެލިބޭ ފައިސާވެސް ނެތް ކައުންސިލުތަކަށް ދޫކޮށްފައި. މާލޭގައި އެބަހުރޭ އެކިއެކި އަތޮޅުތަކަށް ނިސްބަތްވާ އަތޮޅު ފިހާރަތައް. އެ ފިހާރަތަކުން ލިބޭ އާމްދަނީވެސް ނެތް ޖަމާކޮށްދީފަ." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އެފައިސާވެސް ކައުންސިލުތަކަށް ޖަމާކުރުމުގެ މަސައްކަތް މިހާރު ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.