އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ ސާކް ސަމިޓަށް ބޮޑީގާޑުން ތަމްރީން ކުރުމުގެ ހަރަކާތެއް ލ. ކައްދޫގައި ހިންގަނިކޮށް ބޮލަށް ވަޒަނެއް އަރައިގެން މަރުވި ސިފައިންގެ މީހާ މަރުވާން ދިމާވި ސަބަބު ތަހުގީގުކޮށް ނިމިފައިވާ ކަމަށާއި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މީޑިއާ އަށް އެ ރިޕޯޓް އާންމު ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފްގެ މޭޖާ އަބުދުއްރަހީމް މިއަދު ވިދާޅުވީ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ޓްރެއިނިންއެއް ހަދަމުން ދަނިކޮށް މަރުވި ކޯޕްރަލް، ރ. އަލިފުށީ ޝަބާނާ، އިބްރާހިމް ޝައުކަތު 32،ގެ ބޮލަށް ވަޒަން އަރަން ދިމާވި ހާދިސާގެ ރިޕޯޓް ނުނިމިގެން އަދި ލަސްނުވާ ކަމަށެވެ.

"އަޅުގަނޑުމެން ނުދެކެން އަދި ލަސްކަމަކަށް. ތަހުގީގު މިހާރު ނިމިފައި ވަނީ އެހެންވީމާ ހަފްތާއެއްތެރޭ އާންމު ކުރެވޭ ވަރުވާނެ،" އަބުދުއްރަހީމް ވިދާޅުވި އެވެ.

ދެ މަހާއި ތިން ހަފްތާ ފަހުން އެ ހާދިސާގެ ތަހުގީގު ނިންމައި މީޑިއާ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އާންމު ކުރައްވާނެ ކަން އެމްއެންޑީއެފުން ބުނި އިރު، އެ ހާދިސާއާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައި ވަނީ ޝައުކަތު މަރުވީ ތަމްރީން ނިންމުމަށް ފަހު، ބަޑި ސާފުކުރުމުގެ ތެރޭގައި "ނިގުލިޖެންސް ޑިސްޗާޖެއް" ތެރޭގައި ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އެމްއެންޑީއެފުން ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.

ޝައުކަތުގެ މަރުގެ ތަހުގީގު ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންނާ އެމްއެންޑީއެފް ގުޅިގެންނެވެ.

ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ޑޮކްޓަރުންނާ ހަވާލާދެއްވައި އެ ދުވަހު ވިދާޅުވީ ޝައުކަތުގެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ އެ ދުވަހު 11:15 އެހާކަންހާ އިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރުން ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ބުނެފައި ވަނީ އެ ދުވަހު 11:25ގަ އެވެ.