އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެޖޯރިޓީ ހޯދައިފި ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށް ބުނެ ވާހަކަ ދައްކަވާ ބޭފުޅުންގެ ރިސޯޓުތަކުގައި ހުރީ ބުދު ބަހައްޓާފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ގދ. ވާދޫގައި މިއަދު ބޭއްވި އެމްޑީޕީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ދިވެހިންގެ ހިތްތަކުގައި އެންމެ އިސް މަގާމެއް ދެވިފައި އޮންނަނީ އިސްލާމް ދީނަށް ކަމަށްވާއިރު އިދިކޮޅު ފަރާތްތަކުގެ އަމާޒަކަށްވެފައި ވަނީ ދީން ހަތިޔާރަކަށް ބޭނުންކޮށްގެން އެމްޑީޕީއާ މެދު ދިވެހި ރައްޔިތުންގެ ހިތްތްކުގައި ނުރަގަނގަޅު ހިޔާލުތައް އުފެއްދުން ކަމަށެވެ.

"ދާދި ފަހުން ތިބޭފުޅުން އަޑުއަހާފައިވާނެ އެމްޑީޕީގެ އެޖެންޑާ19 ކާމިޔާބު ކުރެވިއްޖަ ނަމަ ރާއްޖޭގައި ފައްޅި އަޅާނެ ކަމަށް. އެއަށް ވުރެ ބޮޑު ބުހުތާނު ދޮގެއް ބަޔަކަށް ނުހެދޭނެ،"

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި 47 މިސްކިތް އަޅާފައިވާނެ ކަމަށެވެ.

"ދިވެހި އެއްވެސް ވެރިއެއް ދިވެހި ރާއްޖޭގައި 47 މިސްކިތް އެއްފަހަރާ އަޅާފައި ނުވާނެ، ރައީސް މައުމޫންގެ ދިގު 30 އަހަރުވެސް،"

އަދި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެ ނަމަ ބުދުފައްޅި އަޅާނެ ކަމަށް ވިދާޅުވާ ބޭފުޅުންގެ ރިސޯޓުތަކުގައި ހުރީ ބުދަށް އަޅުކަން ކުރެވޭ ގޮތަށް ހަދާފައި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ. އަދި އެ ބޭފުޅުން ރިސޯޓު ހިންގަވަނީ ރަލާއި އޫރުމަހުގެ ފައިދާއިން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އެ ބޭފުޅުން އެ ވިދާޅުވަނީ، އަޅުގަނޑުމެން ފައްޅި ހުޅުވާނެއޭ ވިދާޅުވާ އިރުގައި އެ ބޭފުޅުންގެ އަމިއްލަ ރިޒޯޓުގައި ހުރީ ބުދު ބަހައްޓާފައި. އެ ބޭފުޅުންގެ އަމިއްލަ ރިސޯޓުގައި ހުރީ ބުދަށް އަޅުކަން ކުރެވޭ ގޮތަށް ހަދާފައި. ރާ ވިއްކުމާއި ބަނގުރާ ވިއްކުމާ އޫރު މަހުގެ ފައިދާއިން އެ ބޭފުޅުންގެ ރިޒޯޓުތައް ހިންގަވަނީ،"

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް މީހަކަށް އަނެއް މީހަކީ ކާފަރެއް ނުވަތަ ލާދީނީ މީހެއް ކަމަށް ނުބުނެވޭނެ ކަމަށާއި އެއީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު އެހެން ވިދާޅުވެފައިވާ އިރު، އިދިކޮޅު ފަރާތްތަކާ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އއ. ހިމަންދޫގައި ހުންނަވައިގެން ދާދި ފަހުން ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގައި ބުދު ފައްޅި އަޅާނެ ކަމަށެވެ.