28 Mar 2019, 20:48
މި މަހު 14 އިން 21 އަށް އަބޫދާބީގައި ކުރިއަށްދިޔަ ސްޕެޝަލް އޮލިމްޕިކްސް- ވަރލްޑްގޭމްސް ގައި ރާއްޖެ ތަމްސީލުކުރި ޓީމްގެ އެތުލީޓުންނާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.
ސްޕެޝަލް އޮލިމްޕިކްސް - ވޯލްޑްގޭމްސް 2019 އަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޅިވަރުތަކުގައި ބައިވެރިވެ، ވާދަވެރި މާހައުލެއްގައި އެފަދަ ފަރާތްތަކުގެ ގާބިލިއްޔަތުކަމަށް ރިއާޔަތް ކުރެވިގެން އިންތިޒާމް ކުރެވޭ ބައިނަލްއަގްވާމީ މުބާރާތެކެވެ.
ސްޕެޝަލް އޮލިމްޕިކްސް- ވޯލްޑްގޭމްސް ގައި ރާއްޖެއިން ބައިވެރިވި ޓީމުގައި ދެ އަންހެން އެތުލީޓުންނާއި، ދެ ފިރިހެން އެތުލީޓުން ހިމެނެއެވެ.
އެ މުބާރާތުގެ ނިއުނޭޝަންގެ 200 މީޓަރ ކެޓަގަރީގެ ފިރިހެން ދުވުންތެރިންގެ ފައިނަލް ހީޓްގައި ވާދަކޮށް، ރާއްޖޭގެ ވަސްމީ ވަހީދު ވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި ނިއުނޭޝަންގެ 100 މީޓަރ ކެޓަގަރީގެ ފައިނަލް ހީޓުން 1 ވަނަ ހޯދައިގެން ސިފްނާ އިބްރާހީމް ވަނީ ރާއްޖެއަށް ރަން މެޑަލްވެސް ހޯދައިދީފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ އެ ޓީމްގައި ހިމެނުނު އެތުލީޓުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށްޓަކައި ހުރިހާ އެތުލީޓުންނަށާއި އޮފިޝަލުންނަށް ޝުކުރު އަދާކުރައްވައި، މަރުހަބާ ވިދާޅުވެފައެވެ. އަދި ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ޓީމުން ހޯދި ބޮޑު ކާމިޔާބީއަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އެފަދަ އެތުލީޓުންނަށް ދަތިވެފައިވާ ކަންކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ކޮށްދެއްވޭނެ ގޮތްތަކާ ބެހޭގޮތުން ވަނީ ހިޔާލު ބަދަލު ކޮށްފައެވެ.