ހިއުމަން ރައިޓްސް ކޮމިޝަނުގެ މެމްބަރުން މާލޭ ޖަލަށް ޒިޔާރަތްކޮށް އެ ޖަލުގެ ހާލަތު ހުރި ގޮތް ބައްލަވައިލައްވައިފިއެވެ.

އެ ޒިޔާތަރުގައި ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކުވެސް ބައިވެރިވެވަޑައިގަތެވެ.

މިއީ ބަންދުގައި ތިބޭ މީހުންނާމެދު ތަނުގައި އަމަލުކުރާގޮތާއި، އެ ޖަލުގައި އެއްވެސް އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯބަލައި އަދި އެ ތަންތަނުގައި ގައިދީންނަށް ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ދެނެގަތުމަށް ކުރި ޒިޔާރަތެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުންޏެވެ.

އޭގެ އިތުރުން ޖަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހާލަތު ދެނެގަތުމާއި، މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައް ދެނެގަތުންވެސް އެ ޒިޔާރަތުގެ މަގްސަދުގައި ހިމެނޭކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ޖަލުގެ އާންމު ހާލަތު ދެނެގަތުމަށްފަހު ކޮމިޝަނުން ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅާ ހުށަހެޅުން ތަކުގެތެރެއިން ބައެއް ކަންކަން ތަންފީޒުވަމުން ދިޔަނަމަވެސް، ބަޖެޓާގުޅުންހުރި ހުށަހެޅުންތައް ތަންފީޒުވެފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ކޮމިޝަނުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ތަންފީޒުނުވެ ގިނަދުވަސްވަމުން ދާތީ، އެ ކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މިއަހަރުން ފެށިގެން ކޮމިޝަނުން ރާވާއިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބުނީ މިއަދުގެ ޒިޔާރަތަކީވެސް އޭގެ ބައެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދި މިއަދުގެ ޒިޔާރަތަށް ފަހު، ކޮމިޝަނުން އާއްމުކޮށް އަމަލުކުރަމުންދާ އުސޫލުގެމަތިން ކޮމިޝަނަށް ފާހަގަކުރެވުނު ކަންކަން ކަމާގުޅޭ އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.