28 Mar 2019, 19:07
ވިހެއުމުން، ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ އަންހެނުންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް ލިބޭ ގޮތަށް ފުލުހުންގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ މުއައްސަސާގައި މަސައްކަތް ކުރާ އަންހުންނަށް ވިހެއުމުން ދޭ މެޓާނިޓީ ލީވް ހަ މަސް ދުވަހަށް، އަދި ފިރިހެން މުވައްޒަފުންނަށްް ޕެޓާނިޓީ ލީވްގެ ގޮތުގައި އެއް މަސް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އިސްލާހު ގެނެސް އެކަން މުވައްޒަފުންނަށް އަންގާފައިވާ ކަމަށް ބުންޏެވެ.
އެގޮތަށް ނިންމީ އިއްޔެ ބޭއްވި ފުލުހުންގެ މެނޭޖްމެންޓް ބޯޑުގެ ބައްދަލުވުމުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ވިހެއުމާ ގުޅިގެން އަންހެނުންނަށް ހަ މަހުގެ މެޓާނިޓީ ލީވް، އަދި ކުއްޖާގެ ބައްޕަ އަށް އެއް މަހުގެ ޕެޓާނިޓީ ލީވް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ޗުއްޓީ ދޭން ނިންމިކަން ރައީސް އިއުލާނުކުރެއްވީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ. މާފުށީގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
އެއާއެކު ބައެއް މުވައްސަސާތަކުންނާއި ސަރުކާރު ކުންފުނިތަކުންނާއި އެއް އަމިއްލަ ކުންފުނިން ވަނީ އެގޮތަށް އަަމަލު ކުރަން ގަވައިދަށް އިސްލާހު ގެންނަން ނިންމާފަ އެވެ.