16 Oct 2011, 14:05
ވިޔަފާރި އުސޫލުން މާލޭ ރޯމަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޯދަން ސިޓީ ކައުންސިލުން ބިޑަށްލުމުން، އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަނެއްކާވެސް ބިޑަށް ހުޅުވާލަން ސިޓީކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ މާރުކޭޓް ބިޑަށްލާނެ އުސޫލަކާއި ގުޅޭ ގޮތުންސިޓީކައުންސިލުން މިދިޔަ ބުދަ ދުވަހު ގަރާރެއް ފާސްކުރުމަށްފަހު ކޮމިޓީއެއް އެކުލަވާލައި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މާރުކޭޓް ބިޑްގެ ކަންތަށް ކުރިއަށް ގެންދިއުމަށް އުފެއްދި ކޮމިޓީގައި ހިމެނެނީ މާލޭ ސިޓީ ކައުންސިލްގެ ދެ މެމްބަރުންގެ އިތުރަށް ފިޝަމަން ޔޫނިއަންއާއި ފިޝަމޭން އެސޯސިއޭޝަނެވެ.
ސުޖާއު ވިދާޅުވީ މާރުކޭޓް ބިޑަށް ހުޅުވާލުމަށް ފަހު އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށައަޅާ ބިޑްތައް އިވެލުއޭޓް ކުރުމަށް ހަމަޖެހިފައިވަނީ އެކުލަވައިލެވުނު ސްޓިއަރިން ކޮމިޓީގެ މެންބަރުންގެ ހިޔާލާއި އެއްގޮތަށް ކަމަށެވެ.
"ބިޑްތައް ހުންނަން ޖެހޭނެ ކްރައިޓީރީއާއެއް މިހާރު ސިޓީކައުންސިލުން އެދަނީ ތައްޔާރުކުރަމުން މިއަންނަ ބުދަ ދުވަހާއި ހަމައަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް މިބަލަނީ،" ސުޖާއު ވިދާޅުވިއެވެ.
ސުޖާއު އިތުރަށް ވިދާޅުވީ މާރުކޭޓްގެ ބިޑު ކާމިޔާބުކުރާ ފަރާތުން ކުލީގެ ގޮތުގައި އެއްވެސް އަދަދެއްގެ ފައިސާއެއް ސިޓީކައުންސިލަށް ދައްކަން ނުޖެހޭ ގޮތަށް ކައުންސިލުން ނިންމާފައިވަނީ މާރުކޭޓް ހިންގާ ބަޔަކަށްވެސް މާލޭގެ ރައްޔިތުންނަށް ތާޒާކަމާއެކު އަގު ހެޔޮކޮށް މަސްވިއްކުމުގެ މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
"ސިޓީ ކައުންސިލްގެ ހަމައެކަނީ ޝަރުތަކީ ތާޒާ މަސް ސިއްހީ ގޮތުން އެކަށީގެންވާ ފެންވަރެއްގައި ރައްޔިތުންނަށް ހެޔޮއަގުގައި ލިބެންޖެހޭނެ. މިނޫން އެއްވެސް ޝަރުތެއް އަޅުނޑުމެންގެ ނެތް" ސުޖާއު ވިދާޅުވިއެވެ.
އަލުން މާރުކޭޓު ބިޑަށް ލުމަށް ސިޓީ ކައުންސިލުން ނިމި އިރު އިތުރު ބިޑަކަށް ނުގޮސް މަސްވެރިންގެ ޔޫނިއަންއާ މާރުކޭޓް ހަވާލު ކުރުމަށް ވެސް ކުރިން ސިޓީ ކައުންސިލުން ނިންމި އެވެ. ނަމަވެސް ސުޖާ ވިދާޅުވީ އެއީ "އެހެންވީ ކަމެއް ނޫން" ކަމަށެވެ.
މާލޭ ރޯމަސް މާރުކޭޓް ކުއްޔަށް ދޭން ސިޓީ ކައުންސިލުން ނިންމައި މީގެކުރިން ވެސް އިއުލާން ކޮށްފައިވަނީ މާލޭ ރޯމަސް މާރުކޭޓުން ވިއްކާ މަސް ކެއުމަށް އެކަށީގެން ނުވާ ކަމަށް ދުނިޔޭ ޞިއްހަތު ޖަމިއްޔާއިން ލަފާދީފައި ވާކަމަށް ބުނެއެވެ.
ލިޔުމާ ގުޅޭ އޯޑިއޯ