28 Mar 2019, 17:52
ދެހާސް ސަތާރަ ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދައުވާ ކުރާ ޖުނައިހު އަބްދުﷲ އިއްޔެ ބަންދުން ދޫކޮށްލުމަށް ފަހު ކުޑަ އިރުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ޖަލު ބަންދަށް ބަދަލުކޮށްފި އެވެ.
އަނަސް މަރާލި މައްސަލައިގައި ޖުމްލަ ހަތް މީހަކަށް ދައުވާ ކުރެ އެވެ. އެއީ ލ. ގަން، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސްރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށެވެ. އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިއްޔެ މެންދުރު ފަހު އަނަސްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އޮތެވެ. އެ އަޑުއެހުމުގައި ޖުނައިހުގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލު ކުރަން އެދުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ގޭބަންދަށް ބަދަލު ކުރުމަށެވެ.
ނަމަވެސް، އޭނާ މިއަދު އަނެއްކާވެސް ޖަލު ބަންދަށް ބަދަލުކޮށްފައިވާކަން އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ޖަލަށް ބަދަލު ކުރީ އޭނާގެ ގޭބަންދަށް ބަދަލު ކުރަން ކުރި އަމުރު ކުޑަ އިރުކޮޅެއްގެ ތެރޭގައި ރިވިއު ކުރުމަށްފަހު އެވެ. އަދި އެ އަމުރު ރިވިއުކޮށް އޭނާ ޖަލު ބަންދަށް ގެންދިޔައީ ގޭބަންދަށް ބަދަލު ނުކުރެވެނީސްކަން ވަނީ އެނގިފަ އެވެ.
ޖުނައިހު ގޭބަންދަށް ބަދަލު ކުރަން ކުރި އަމުރު ރިވިއުކޮށް އޭނާ އަނެއްކާވެސް ޖަލު ބަންދަށް ބަދަލު ކުރި ސަބަބު އެނގިފައެއް ނުވެ އެވެ.
އަނަސްގެ މަރުގެ މައްސަލައިގައި ޖުނައިހުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އޭނާގެ އިތުރުން މުހައްމަދު ސާޒު އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާ މައްޗަށް ވެސް ކޮށްފައި ވަނީ އެ ދައުވާ އެވެ.
ދެން ދައުވާ ލިބޭ އަހުމަދު ޒަހާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.