28 Mar 2019, 15:18
ޝަރީއަތް ނިމެންދެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް ދައުލަތުން އެ ކޯޓަށް ހުށަހެޅި މަނީ ލޯންޑަރިން މައްސަލައިގެ އިތުރުން ފުލުހުން ބަލަމުންދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއްގައި ހެކީންނަށް އެމަނިކުފާނު ނުފޫޒު ފޯރުވި ކަމަށް ބުނެއެވެ.
ރައީސް ޔާމީންގެ ބަންދު އަމުރުގެ މައްސަލަ ހައިކޯޓުގައި ކުރިން ބެއްލެވީ ގާޒީ ހުސެން ޝަހީދު އާއި އަބްދުއްރައޫފު އިބްރާހިމް އަދި ގާޒީ ހަސަން އަލީ އެވެ. ނަމަވެސް މިއަދު ވަނީ ރައޫފްގެ ބަދަލުގައި އިސް ފަނޑިޔާރު ޝުޖާއު އުސްމާން ބެންޗަށް ގެނެސްފަ އެވެ.
ރައީސް ޔާމީންގެ ބަންދު އަމުރުގައި ބުނެފައި ވަނީ އެމަނިކުފާނު ބަންދު ކުރަން ނިންމީ "ހުށަހެޅިފައިވާ މަނީ ލޯންޑަރިންގެ މައްސަލަައިގެ އިތުރުން އެމްއެމްޕީއާރްސީއިން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ ތުހުމަތުގައި" ކަމަށެވެ.
ޔާމީންގެ ފަރާތުން ހުށަހެޅި އެ އަމުރުގެ އިސްތިއުނާފު މައްސަލައިގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީއިން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލައަކީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށާއި އެހެން ކަމުން ކަމާ ގުޅުން ނެތް މައްސަލައަކަށް ރިއާޔަތްކޮށް ހުކުމް ނެރުމަކީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާ ހިލާފުވުން ކަމަށެވެ.
އެ ނުކުތާއަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުން ޔާމީން ބަންދު ކުރަން ނިންމީ ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައިގެ މައުޟޫގައި ނުހިމެނޭ ކަމެއް ހިމަނައިގެން ކަމަށެވެ.
އަދި ކްރިމިނަލް ކޯޓުން ބަލަމުންދާ ޔާމީންގެ މައްސަލައާ ގުޅޭ ޝަފަހީ ހެއްކަށް އޭނާ ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށް ދައުލަތުން ވެސް ފުލުހުންވެސް ހައިކޯޓުގެ ޝަރީއަތުގެ ބުނެފައިވާ ކަން ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.
ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަަނަ މާއްދާގެ (ށ) ގެ އެއް ވަނަ ނަންބަރާއި ޝަރީއަތްކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ 13 ވަނަ މާއްދާގެ (ހ) ގެ ދެ ވަނަ ނަންބަރާ ރިއާޔަތްކޮށް ކަމަށްވީ އިރ،ު އަދި އެ މާއްދާތަކުގެ ދަށުން މީހަކު ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަސް ކަމަށްވީ އިރު، މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 3:54 އަށް އެ މުއްދަތު ހަމަވެފައިވާ ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން ޔާމީން ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނު ބަންދުން ދޫކޮށްލުމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ބުނެފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައި ވަނީ އެމްއެމްޕީއާރްސީގެ ފައިސާ ވަން އެސްއޯއެފް ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ލޯންޑަރ ކުރި ކަމުގެ ތުހުމަތުގަ އެވެ. އޭގެ އިތުރުން ވެސް އެމަނުކުފާނާ ގުޅޭ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައެއް މިހާރުވެސް ފުލުހުން ދަނީ ބަލަމުންނެވެ.