ޑާކާ (މާޗް 28): ބަންގުލަދޭޝްގެ ޑާކާގައި ހުންނަ 19 ފަންގިފިލާގެ އިމާރާތެއްގައި ރޯވެ، ގިނަ އަދަދެއްގެ މީހުން އެއިމާރާތުގައި ތާށިވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ޑާކާގެ ބަނާނީގެ އެފްއާރު ޓަވަރުގައި ރޯވީ މިއަދު މެންދުރު އެކެއް ޖަހާކަށް ހާ އިރެވެ. އަދި އަލިފާންގަނޑުން ސަލާމަތްވުމަށް އިމާރާތުން ފައިބަން މަސައްކަތް ކުރި ހަ މީހަކު ވެއްޓިފައިވާ ރިޕޯޓުތަކުގައި ވެ އެވެ.

ބަންގުލަދޭޝްގެ ޑެއިލީ ސްޓާގައިވާ ގޮތުން އިމާރާތުން ވެއްޓުނު މީހުންނާއި އަނިޔާވި މީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އޭގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށާއި ދެން ތިބި މީހުންގެ ހާލު ހުރި ގޮތެއް އަދި ނޭނގޭ ކަމަށް އެ ނޫހުގައިވެ އެވެ.

ޑެއިލީ ސްޓާގައިވާ ގޮތުން އަލިފާން ނިއްވާ 19 ޔުނިޓާއި ގާތްގަނޑަކަށް 20 އެމްބިއުލާންސާއި ހެލިކަޕްޓަރުތައް ދަނީ އެފްއާރު ޓަވަރު ކައިރީ ހަރަކާތްތެރިވަމުންނެވެ. އަދި އަލްޖަޒީރާގައިވާ ގޮތުން އަލިފާން ރޯވީ ނުވަ ވަނަ ފަންގިފިލާގަ އެވެ. ނަމަވެސް އެހާދިސާ ހިނގަން މެދުވެރި ސަބަބު އަދި ނޭނގެ އެވެ.

މިދިޔަ މަހުވެސް ޑާކާގައި އެފަދަ ހާދިސާއެއް ހިނގާފައިވެ އެވެ. އެގޮތުން ޑާކާގެ ޗޯކްބާޒާރުގެ އިމާރާތެއްގައި ރޯވެ، 70 މީހުން މަރުވެ، 50 މީހުންނަށް އަނިޔާވި އެވެ.