ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަން ނިންމައި ޖިންސީ ކުށް ކުރާ މީހުންގެ ދަފްތަރުގެ ގަވައިދު އާންމުކޮށްފިއެވެ.

ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއިން އާންމުކޮށްފައިވާ އެ ގަވައިދުގައި ބުނެފައިވަނީ މި ދަފްތަރުގައި އާންމުކުރާނީ ޖިންސީ ކުށުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބުނާ ކުށްތަކުގެ ތެރެއިން ކުށެއް ސާބިތުބެފައިވާ މީހުންގެ މައުލޫމާތު ކަމަށެވެ.

ދަފްތަރުގައި ހިމަނާ މައުލޫމާތަށް ބަލާއިރު ޖިންސީ ކުށް ސާބިތުވި މީހާގެ ފުރިހަމަ ނަމާއި އާންމުކޮށް ކިޔާނަން، އުފަން ތާރީހު، އުމުރު،، އައިޑީކާޑު ނަންބަރު، ހަށިގަނޑުގެ ސިފަތައް، އިސްކޮޅު، ހަމުގެ ކުލަ އާއި ލޮލުގެ ކުލަ އަދި މީހަގެ ސިފަ ދެނެގަނެވޭނެ ފަދަ ޕާސްޕޯޓު ފޮޓޯ ހިމެނެއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުށެއް ސާބިތުވެއްޖެނަމަ އެ ކުށާބެހޭ މައުލޫމާތުވެސް ހިމަނަންވާނެ ކަމަށްވެސް އެ ގަވައިދުގައިވެއެވެ.

ނަމަވެސް 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ޖިންސީ ކުށެއް ސާބިތުވި ނަމަވެސް އެކުއްޖާގެ މައުލޫމާތު ދަފްތަރުގައި ނުހިމެނޭނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޖިންސީ ކުށެއް ސާބިތުވެގެން ހުކުމް ތަންފީޒުކުރަމުންދާ މީހާ ބަންދުން ދޫކޮށްލާފައިވާކަން، ނުވަތަ ނޫންކަމާއި ބަންދުން ދޫކޮށްލާފައިވާނަމަ އެ މައުލޫމާތުވެސް ދަފްތަރުގައި ހިމަނަންވާނެ ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

އެ ގަވައިދުގައި ބުނާ ގޮތުން މީހެއްގެ މައްޗަށް ޖިންސީ ކުށެއް ސާބިތުވެއްޖެނަމަ، އެ މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ
ހުލާސާ ރިޕޯޓުގެ ކޮޕީއެއް، ކޯޓުތަކުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ހިއްސާ ކުރަންވާނެއެވެ. އަދި ޖިންސީ ކުށެއް ސާބިތުވެގެން ބަންދުކޮށްފައިވާ މީހަކު ބަންދުން ވީއްލުމަށް ނިންމައިފިނަމަ، އެ މީހަކު ބަންދުން ދޫކޮށްލައި އާންމުންގެ ތެރެއަށް ނުކުތުމުގެ ފުރުސަތު ހުޅުވައިލުމުގެ 72 ގަޑިއިރުގެ ކުރިން، އެ މީހަކު ބަންދުކޮށްފައި ހުރި މަރުކަޒަކުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ލިޔުމުން އެކަން އަންގަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.

ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ ކުށެއް ސާބިތުވެގެން ޖިންސީ ކުށްކުރާ މީހުންގެ ދަފުތަރުގައި ނަން ހިމެނިފައިވާ މީހަކު މައްސަލަ އިސްތިއުނާފަށް ހުށަހަޅައިގެން އެމީހަކު
ކުށުން ބަރީޢަވެއްޖެކަމަށް ކޯޓުން ހުކުމްކޮށްފިނަމަ، އަދި ޖިންސީ ކުށް ކުރާ މީހުންގެ ދަފުތަރުގައި ނަން ހިމެނިފައިވާ މީހަކު މަރުވެއްޖެނަމަ އޭނާގެ ނަން ދަފްތަރުން އުނިކުރަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެއެވެ.