28 Mar 2019, 14:04
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް ފަސް ބިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 90 ދުވަސް ފުރުން ފާހަގަ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ ފަތުރުވެރިކަން ކުރިއަރައި، އިގްތިސޯދީ ކުރިއެރުން އަންނަކަމުގެ ހެއްކެއް ކަމަށެވެ.
"މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުކުރެވިފައި. މި ސަރުކާރު ފެށުނު ފަހުން މިއަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ،"
ރައީސް ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި އަދިވެސް އިތުރު އެހީ ހަމަޖެހެމުން ދާކަމަށެވެ.
މި އަހަރުގެ ބަޖެޓުން މިހާތަނަށް 3.9 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށާއި ދައުލަތުން އަލަށް ފަށަން ހުރި މަޝްރޫއުތައް މިހާރު އިއުލާނު ކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް މަޝްރޫއުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 757 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ.
"މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރަސްމީ ރިޒާވް ވަނީ 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައި. މި އަދަދުތަކުން އެނގެނީ، އަޅުގަނޑު ވެރިކަމާ ހަވާލުވިފަހުން، ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރު އިތުރުކުރެވިފައިކަން،" ރައީސް ވިދާޅުވިއެވެ.
ޔޫޒަބަލް ރިޒާވަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނުއިރު، ޔޫޒަބަލް ރިޒާވްގައި ހުރީ 171 މިލިއަން އެމެރިކާ ޑޮލަރު ކަމަށާއި މިހާރު ރާއްޖޭގެ ޔޫޒަބަލް ރިޒާވަކީ 242 މިލިއަން އެމެރިކާ ޑޮލަރުކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ހިދުމަތް ކުރުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށާއި މި ސަރުކާރު ވާނީ ވައުދު ފުއްދާ ސަރުކާރަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.