ޓްރިޕޮލީ (މާޗް 28): ލީބިޔާގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދިޔަ ތުރުކީގެ ތެޔޮ ޓޭންކަރަކުން އިއްޔެ ސަލާމަތް ކުރި ރެފިއުޖީން އެޓޭންކަރު ހައިޖެކްކޮށްފިއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެޓޭންކަރުން ސަލާމަތް ކުރި 120 މީހުން ޓޭންކަރު ހައިޖެކް ކުރީ، އެމީހުން ލީބިޔާއަށް ގެންދަން މަސައްކަތް ކުރުމުންނެވެ. އަދި ހައިޖެކް ކުރި މީހުން ދަތުރު ކުރީ މޯލްޓާއަށެވެ.

އޭގެ ފަހުން މޯލްޓާގެ ސްޕެޝަލް އޮޕަރޭޝަންސް ޓީމަކުން ވަނީ އެ ޓޭންކަރަށް އަރައި، އޭގެ ކޮންޓްރޯލު އަނެއްކާވެސް ކެޕްޓަންއަށް ދީފައެވެ. އަދި އެގައުމުގެ ފުލުހުން ވަނީ ޓޭންކަރު ހައިޖެކް ކުރި މީހުން ހައްޔަރުކޮށްފައެވެ. އެޓޭންކަރު މިހާރު އޮތީ މޯލްޓާގައި ބަނދަރުކޮށްފައެވެ. އެ ހާދިސާގައި ޓޭންކަރުގެ ކުރޫއަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައި ނުވެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ އެ ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ލީބިޔާއަށްދާ ރެފިއުޖީންނާ މެދު އެގައުމުން އިހާނެތިކޮށް އަމަލުކުރާ ކަމަށާއި އެގޮތުން އެމީހުންނަށް އަނިޔާކޮށް ހައްޔަރު ކުރާކަމަށް ބުނެފައެވެ. އެޖަމިއްޔާތަކުން ވަނީ ލީބިޔާގެ އައްސޭރިފަށުން ސަލާމަތްކުރާ ރެފިއުޖީން އަނބުރާ އެ ގައުމަށް ފޮނުވުމަށް އިޓަލީއާއި މޯލްޓާއިން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފައެވެ. މީގެ ކުރިން އިޓަލީއާއި މޯލްޓާއިން ބަނީ ރެފިއުޖީން ސަލާމަތްކޮށްގެން އެ ދެ ގައުމަށް ދާ ބޯޓުތައް ހުއްޓުވާފައެވެ.

އަދި ހިޖުރަވެރިންނަށް އެހީތެރިވެދޭ ޕްރައިވެޓް ޖަމާއަތެއް ކަމަށްވާ މެޑިޓެރޭނިއާ އިން ވަނީ ބޯޓު ހައިޖެކް ކުރި މީހުންގެ ހާލާމެދު ހަމްދަރުދީ ވުމަށް އެދިފައެވެ.

ދެހާސް ފަނަރަވަނަ އަހަރު މެދު އިރުމައްޗާއި އޭޝިއާއާއި އެފްރިކާގެ ގައުމުތަކުން އެއް މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ހަނގުރާމަ އާއި ބަނޑުހައި ހޫނުކަމުން ސަލާމަތް ވުމަށް ޔޫރަޕަށް ދިޔަ އެވެ.