28 Mar 2019, 14:13
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މިއީ ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރި ދެވަނަ ފަަހަރެވެ.
އޭނާގެ ސަސްޕެންޝަން މުއްދަތު އިތުރުކުރިކަން ސިވިލް ސާވިސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް ޒުހުރީ ސަންއަށް ވަނީ ކަށަވަރުކޮށްދީފައެވެ. ސައީދުގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރީ އެއް މަހަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސައީދު އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ މަހު އެއް މަހުގެ މުއްދަތަކަށެވެ. ނަމަަވެސް އެ މުއްދަތު ހަމަވުން ފެބްރުއަރީ މަހުވެސް އަނެއްކާ ވަނީ ސަސްޕެންޝަންގެ މުއްދަތު އެއް މަހަށް އިތުރުކޮށްފައެވެ. އެ މުއްދަތު ހަމަވީ މިމަހު 25 ވަނަ ދުވަހުއެވެ.
ސައީދު ސަސްޕެންޑް ކުރީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ، ސައީދާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސައީދާ ދެކޮޅަށް މިނިސްޓަރު ހުށަހެޅުއްވި މައްސަލައަކީ ކޮބާކަމެއް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ވިދާޅެއް ނުވިއެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގްކުރަމުންދާތީ އެކަމާ ބެހޭ މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލަކަށް ހުންނެވި ސައީދު، އެ މިނިސްޓްރީގެ ޕީއެސް އަކަށް އައްޔަންކުރެއްވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.