Back
Nov 24, 2025 SUN
SUN

އަދުރޭ އެދޭހާގޮތަކަށް ދާއިރާގެ ޕީޕީއެމް މެންބަރުން ވޯޓެއް ނުދޭނެ: ތުޅާދޫ ޕީޕީއެމް ގޮފި

އަދުރޭ އެދޭހާގޮތަކަށް ދާއިރާގެ ޕީޕީއެމް މެންބަރުން ވޯޓެއް ނުދޭނެ: ތުޅާދޫ ޕީޕީއެމް ގޮފި
Lead photo

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ މުހައްމަދު އަތީފަށް ކުރާ ތާއީދު ގެންގޮސްފައިވާ ކަމަށް ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އިއުލާންކުރިނަމަވެސް، އޭނާ އެދޭގޮތަކަށް ތުޅާދޫ ޕީޕީއެމް މެމްބަރުން ވޯޓެއް ނުދޭނެ ކަމަށް އެރަށު ޕީޕީއެމް ގޮފިން ބުނެފިއެވެ.

ތުޅާދޫ ޕީޕީއެމް ބޮޑުގޮފިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ އެދިވަޑައިގަތުމަކަށް ޕާޓީގެ އޮފީހަށް އަތީފު ދިޔުމުން އޭނާއަށް ކުރާ ތާއީދު އަނބުރާ ގެންދަން ނިންމާފައިވާކަން އެންގި ކަމަށެވެ.

އަތީފަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދިޔުމަށްފަހު ތާއީދު ކުރަނީ އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވާ މިހާރުގެ މެމްބަރު ނާޒިމް ރަޝާދުގެ އާއިލީ ބޭފުޅެއް ކަމަށް މުހައްމަދު ޒަހީނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ. ތުޅާދޫ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓު ގައި ވާދަކުރާ މުހައްމަދު އަތީފް--- ފޮޓޯ: ޕީއެސްއެމް

އަތީފަށް ކުރާ ތާއީދު އަނބުރާ ގެންދިއަކަން ޕީއެންސީގެ ވަގުތީ ރައީސް އަދުރޭ އިއުލާނުކުރެއްވީ މި ހަފްތާގައި އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެހެން ނަމަވެސް ތުޅާދޫ ޕީޕީއެމް ގޮފީގެ ބަޔާނުގައި ބުނީ ގިނަ ބައެއްގެ އެދުމުގެ މަތިން އަތީފު އިންތިހާބުގައި ކުރިއަށް ދިއުމަށް ނިންމާފައިވާ ކަމަށެވެ.

"ހަމައެއާއެކު ތުޅާދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރުންގެ ކެންޑިޑޭޓަކީ ކެންޑިޑޭޓް ނަންބަރު 3 މުހައްމަދު އަތީފް ކަމަށާއި ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރުންނަކީ ޕީއެންސީގެ ވަގުތީ ރައީސް އެދިލައްވާހާގޮތަކަށް ވޯޓު ދޭނެ ބައެއް ނޫން ކަމުގައިވެސް ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނި ގޮތުން މިއީ އަތީފަށް ކުރި ތާއީދު ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމް އަނބުރާ ގެންދެވި ދެވަނަ ފަހަރު ކަމަށެވެ، ނަމަވެސް ފުރަތަމަ ފަހަރުވެސް ތާއީދު އަލުން ގެންދެވުމަށްފަހު އަލުން އެ ތާއީދު އޮތްކަން އިއުލާނުކުރެއްވީ ޚުދު އަދުރޭކަމަށް ބަޔާނުގައި ބުންޏެވެ.

"ޕީޕީއެމްއިން އަތީފަށް ކުރި ތާއީދު އަނބުރާ ގެންދިޔަ ކަމަށް ބުނެ އަދުރޭގެ އެދުމަށް އިލެކްޝަން ކޮމިޝަނަށް ސިޓީ ފޮނުވި ނަމަވެސް އެ ކޮމިޝަނުން އަންގާފައިވަނީ ޕާޓީން ބޭނުންވި ނަމަވެސް އެގޮތަށް ކަންތައް ނުކުރެވޭނެ ކަމަށާއި އަތީފްގެ ކެންޑިޑެންސީވެސް ބާތިލު ނުކުރެވޭނެ ކަމަށެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ވޯޓު ކަރުދާހުގައި އަތީފް އާ ދިމާލުގައި ޕީޕީއެމްގެ ލޯގޯ އިންނާނެކަން ވެސް އެ ކޮމިޝަނުން އަންގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހިސާން އާ ވާދަކުރާނެކަން އަތީފް އިއުލާންކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޕީޕީއެމްގެ ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ތުޅާދޫ ދާއިރާއަށް ތާއީދު ކުރައްވާނީ އަތީފަށް އިއުލާން ކުރައްވާފައެވެ.

ޔާމީން ވަނީ އަތީފަށް ތާއީދު އިތުރުކޮށްދެއްވުމަށް މަސައްކަތްކޮށްދިނުމަށާއި އިންތިހާބުގައި ތުޅާދޫ އަތީފަށް ވޯޓު ދެއްވުމަށް އެ ދާއިރާގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

އަތީފާއި ޒަހީންގެ އިތުރުން ތުޅާދޫ ދާއިރާއަށް ދެން ކުރިމަތިލައްވަނީ ރައީސް މައުމޫނުގެ ތާއީދާއެކު ކުރިމަތިލައްވާ އަމިއްލަ ކެންޑިޑޭޓު އިބްރާހިމް އަފީފު، އަދި އެމްޑީޕީގެ ކެންޑިޑޭޓު ހިސާން ހުސައިނެވެ.

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics