28 Mar 2019, 12:52
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ހައިކޯޓުގައި މިއަދަށް ތާވަލްކޮށްފި އެވެ.
އެ އަޑުއެހުން އޮންނާނީ މިއަދު 14:30 ގައެވެ.
އެ މަނިކުފާނުގެ މައްޗަށް ތުހުމަތު ކުރަނީ މަނީލޯންޑްރިންގް ދައުވާގެ ހެއްކަށް ނުފޫޒު ފޯރުވަން އުޅުކަމުގެ ތުހުމަތެވެ. އެ ދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ލޯންޑާ ކުރި ކަމުގެ ތުހުމަތުގަ އެވެ.
ޝަރީއަތް ނިމެންދެން ޔާމީން ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން އަމުރު ކުރީ 18 ފެބުރުއަރީގަ އެވެ. މާފުށީ ޖަލަށް ބަދަލު ކުރި ނަމަވެސް ގިނަ ދުވަސް ޔާމީން ހޭދަ ކުރެއްވީ ހޮސްޕިޓަލުގަ އެވެ.
ނަމަވެސް މިހާރު ޔާމީން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ޔާމީން ގޭބަންދަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ކަމަށް ކަރެކްޝަންސްގެ ބަޔާނުގައި މީގެ ކުރިން ވަނީ ބުނެފަ އެވެ.