ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހަންމަދު ނައީމް (މޮނާޒާ ނައީމް) ގެ މައްޗަށް ހިޔާނާތުގެ ތުހުމަތުތައްކޮށް ޑީޕީއާރްއެސްގެ މުވައްޒަފުންތަކެއް އޭސީސީއަށް ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށް އެއީ ޑީޕީއާރްއެސްގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަނެއް ނޫންކަމަށް އެތާނގެ އެހެން މުވައްޒަފުންތަކެއް ބުނެފި އެވެ.

މޮނާޒާ ނައީމަކީ މިވަގުތު ޑީޕީއާރްއެސް ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރެވެ.
~
އަމިއްލަ ހައިސިއްޔަތުން ކަމަށް ބުނެ ޓްރޭޑާސް ހޮޓެލްގައި މިއަދު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އެސިސްޓެންޓް ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފު ބުނީ ޑީޕީއާރްއެސްގެ މުވައްޒަފުން ކަމަށްބުނެ ނައީމާ ދެކޮޅަށް އޭސީސީއަށް ފޮނުވި ޕެޓިޝަނުގައި އެއްވެސް މީހެއްގެ ނަމެއް ވެސް ސޮއެއް ވެސް ނެތްކަމަށެވެ. އެއީ ޑީޕީއާރްއެސްގެ މުވައްޒަފުން ފޮނުވާފައިވާ ޕެޓިޝަނެއް ނޫން ކަމަށެވެ.

"އެ ޕެޓިޝަނަކީ އަޅުގަނޑުމެން ޔުނީފޯމް އެއްވެސް މުވައްޒަފަކު އިންވޯލްވާ ޕެޓިޝަނެއް ނޫން. އޭގެ އެންމެ ބޮޑު ހެއްކަކަށް ތިބޭފުޅުންނަށް ފާހަގަވާނެ ޕެޓިޝަން ނިންމާލިއިރު އޭގަ އެއްވެސް މީހެއްގެ ސޮއެއް އެއްވެސް އެއްޗެއްނެތް. ހަމައެކަނި ޑީޕީއާރްއެސްގެ މުވައްޒަފުންގެ ފަރާތުންނޭބުނެ ނިންމާލާފަ ވަނީ،" އޭނާ ބުންޏެވެ.

ފަސް މީހުން ބައިވެރިވެ އިންޓަވިއުގައި އާސިފު ބުނީ ނައީމާ ދެކޮޅަށް ޕެޓިޝަނެއް އޭސީސީއަށް ފޮނުވި ހަބަރު މީޑިއާތަކުން ފަތުރާފައިވަނީ އެމީހުން ބަހެއް ނުހޯދާ ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ.

ސަން އޮންލައިނަށް ކޮޕީ ލިބިފައިވާ އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޑީޕީއާރްއެސްއާ ނައީމް ހަވާލުވެވަޑައިގަން ފަހުން ޖަލުގެ ކަންކަން ބޮއްސުންލައިގެން ގޮސްފައިވާ ކަން ފާހަގަކޮށްފައި ވެއެވެ. އަދި ބުނެފައި ވަނީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި މާފުށީ ޖަލުގެ ޕެންޓަގަންއަށް ނުރައްކާތެރި ކުށްވެރިންތަކެއް ބަދަލުކުރުމުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދި ގިނަ އަދަދެއްގެ މަސްތުވާތަކެތި ޖަލަށް ވައްދަނިކޮށް ފެނިގެން ސަސްޕެންޑް ކުރި ކަމަށް ބުނާ ތ. ތިމަރަފުށީ މީހެއްގެ މައްސަލަ ފުލުހުން ބަލަމުން ދަނިކޮށް އޭނާ އަށް އަލުން ނައީމް ވަޒީފާ ދެއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ

Mohammed Asif (mp3)