28 Mar 2019, 12:22
އުފެދުމުގައި ދެ ރަހިމު ހުރި ބަންގުލަދޭޝްގެ އަންހެނަކު ކުއްޖަކު ވިހޭތާ އެއް މަސް ފަހުން، އިތުރު ދެ ކުދިން ވިހައިފި އެވެ.
އުމުރުން 20 އަހަރުގެ އާރިފާ ސުލްތާނާ އޭނާގެ ފުރަތަމަ ފިރިހެން ދަރިފުޅު ވިހެއީ ބަންގުލަދޭޝްގެ ޚުލްނާ ޑިސްޓުރިކްޓުގެ ޚުލްނާ މެޑިކަލް ކޮލެޖު ހޮސްޕިޓަލުގައި މިދިޔަ މަހުގަ އެވެ.
ނަމަވެސް އޭގެ 26 ދުވަސް ފަހުން، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ސުލްތާނާގެ ބަނޑުގައި ރިއްސާތީ އަނެއްކާވެސް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި އޭނާގެ ދެ ވަނަ ރަހިމުގައި ދެ ކުދިން އޮތްކަން އައްދިން ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އެނގުނީ އެހާ ހިސާބުން ކަމަށް އަންހެނުންގެ ޑޮކްޓަރު ޝީލާ ޕޮޑަރު ވިދާޅުވި އެވެ.
"ޕޭޝެންޓުގެ އަލްޓްރާސައުންޑެއް ހެދުމުން އެނގުނީ ދެ ކުދިން އޮތްކަން. އަޅުގަނޑުމެންނަށް ލިބުނީ ބޮޑު ޝޮކެއް. މީގެ ކުރިން އަދި މިފަދަ ހާދިސާއެއް ދިމާ ނުވޭ،" ޑރ. ޕޮޑަރު ވިދާޅުވި އެވެ.
ޑރ. ޕޮޑަރު އިތުރަށް ވިދާޅުވި ގޮތުގައި ސުލްތާނާ އާއި އޭނާގެ ފިރިމީހާއަކީ ފަގީރު އާއިލާއަކަށް ނިސްބަތްވާ ދެ މީހުންނެވެ. އެހެންކަމުން ފުރަތަމަ ދަރިފުޅު ވިހެއުމުގެ ކުރިން ސުލްތާނާގެ އަލްޓްރާސައުންޑެއް ހަދާފައި ނުވެ އެވެ.
"އިތުރު ދެ ކުދިން ބަނޑުގައި އޮތް ކަމެއް އޭނާއަކަށް ނޭނގޭ. އަޅުގަނޑުމެން ސިޒޭރިއަން ހަދާފަ ދެ ކުދިން ނެގީ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް،" ޑރ. ޕޮޑަރު ވިދާޅުވި އެވެ.
އެހޮސްޕިޓަލުން ބުނި ގޮތުގައި ތިންމައިންގެ ހާލުވެސް ރަނގަޅެވެ. އަދި ސިޒޭރިއަން ހެދިތާ ހަތަރު ދުވަސް ފަހުން މަންމަ އާއި ދެ ކުދިން ވަނީ ދޫކޮށްލާފަ އެވެ.
އޭއެފްޕީ ނޫހުގައިވާ ގޮތުން ސުލްތާނާ ވަނީ އިތުރު ދެ ކުދިން ލިބުމުން އުފާވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިލާން ޖެހޭނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސުލްތާނާގެ ފިރިމީހާ ބުނި ގޮތުގައި އޭނާއަށް ކޮންމެ މަހަކު ލިބޭ މުސާރަ 95 ޑޮލަރަށް ވުރެ ކުޑަ ވާނެ އެވެ. ނަމަވެސް "ދަރިން އުފާކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ" ކަމަށް އޭނާ ބުންޏެވެ.
އެމެރިކާގެ މަޔޯ ކްލިނިކުން ބުނާ ގޮތުގައި އުފެދުމުގައި ދެ ރަހިމު ހުންނަ އަންހެނުންނަށް އިތުރު އުނދަގުލެއް އަދި ތަފާތެއް އިހުސާސު ނުވެދާނެ އެވެ. އަދި ދެ ރަހިމު ހުރިކަން އެނގިދާނެ ގޮތްތަކުގެ ތެރޭގައި ޑޮކްޓަރުން ޕެލްވިކް އެގްޒާމެއް ހެދުމުން ނުވަތަ އަލްޓްރާސައުޑް ސްކޭނެއް ހެދުން ހިމެނެ އެވެ. ނަމަވެސް ދެ ރަހިމު ހުރުމަކީ ބައިގެން ދިޔުމާއި ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ބޮޑުވާ ކަމެކެވެ.