28 Mar 2019, 10:21
ވޮޝިންޓަން (މާޗް 28) : ވެނެޒުއެލާއަށް އަސްކަރީ ގޮތުން ރަޝިޔާ ވަދެފައިވާ ކަމަށާ އެގައުމުން ރަޝިޔާ ބާލަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވެނެޒުއެލާގެ ސަރުކާރާދެކޮޅަށް ބަޣާވާތް ކުރައްވައިގެން އުޅުއްވާ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯގެ އަނބިކަނބަލުންނާ ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ ވެނެޒުއެލާއަށް ރަޝިޔާ އަސްކަރީ ގޮތުން ވަނުމަކީ ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި އެގައުމުން ރަޝިޔާ ބޭރުކުރުމަށްޓަކައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން އެމެރިކާ އޮތީ ތައްޔާރަށް ކަމުގަ އެވެ. ނަމަވެސް ރަޝިޔާއާ ދެކޮޅަށް އަޅަން ގަސްދުކުރަނީ ކޮންބާވަތެއްގެ ފިޔަވަޅުތަކެއްކަމާއި އެ ފިޔަވަޅުތަކުގެ ތަފްސީލް ޓްރަމްޕް ނުދެއްވަ އެވެ.
ރަޝިޔާއަކީ އެގައުމާ ދެކޮޅަށް އަސްކަރީ ބާރުބޭނުންކޮށްގެން އެމެރިކާއަށް ކާމިޔާބު ހޯދޭވަރަށް ވުރެ އަސްކަރީ ގޮތުން ބާރުގަދަ ގައުމެކެވެ. އެހެންކަމުން ރަޝިޔާއާ ދެކޮޅަށް އެޅޭނީ ހަމައެކަނި އިގްތިސާދީ ފިޔަވަޅުތަކެކެވެ. ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކެކެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިންވެސް ވަނީ ރަޝިޔާއިން ވަރަށް ބޮޑަށް އަސްކަރީ ގޮތުން ވެނެޒުއެލާއަށް ވަދެފައިވާ ކަން ބަޔާންކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރަޝިޔާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓުތައް ވަރަށް ގިނައިން ވެނެޒުއެލާއަށް ދަތުރުކުރާ ކަމަށާ އެބޯޓުތައް މެދުވެރިކޮށް ރަޝިޔާގެ ޒަމާނީ ބަރުހަތިޔާރު ގިނަ އަދަދަކަށް ވެނެޒުއެލާއަށް މިހާރު ގެންގޮސްފައިވާ ކަމަށް ޕެންޓަގަން އިން ބުނެ އެވެ. އަދި ރަޝިޔާގެ ބޭނުމަކީ އަސްކަރީ ބާރު ބޭނުންކޮށްގެން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރު ހިމާޔަތް ކުރުން ކަމަށް ވެސް ޕެންޓަގަން އިން ބުނެ އެވެ.
ރަޝިޔާ އިން ވަނީ ވެނެޒުއެލާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިންކަން މިހާރު ކަށަވަރުކޮށްދީފަ އެވެ. ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާރިޔާ ޒަޚަރޫވާ ވިދާޅުވެފައި ވަނީ ރަޝިޔާ އަސްކަރީ ގޮތުން ވެނެޒުއެލާއަށް ވަދެފައިވާ ކަމަށާ އެކަންކުރީ އެގައުމުގެ ޝަރުޢީ ސަރުކާރުގެ އެދުމަކަށް ކަމުގަ އެވެ. މިގޮތުން ވެނެޒުއެލާއާއި ރަޝިޔާއާ ދެމެދު 2001 ވަނަ އަހަރު ސޮއިކުރި އެއްގައުމު އަނެއްގައުމަށް އަސްކަރީ އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމުގެ ދަށުން ރަޝިޔާ އިން ވެނެޒުއެލާއަށް ޢަސްކަރީ ތަޖްރިބާކާރުންނާއި ސިފައިންނާ އަދި ޒަމާނީ ހަތިޔާރު ފޯނުވާފައިވާކަން ޒަޚަރޫވާ ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ރަޝިޔާ އިން ވެނެޒުއެލާއަށް އަސްކަރީ ގޮތުން ވެދެފައި މިވަނީ އެމެރިކާގެ މަދަދު ލިބޭ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ ވެރިކަން ހޯއްދެވުމަށްޓަކައި އެގައުމުގެ ރައީސް ނިކޮލަސް މަދޫރޯގެ ސަރުކާރާ ދެކޮޅަށް މަދަނީ ބަޣާވާތެއް އިއްލާންކޮށްގެން މަދޫރޯގެ ވެރކަން ވައްޓާލުމަށް މަސައްކަތް ކުރަމުން ގެންދާ ދުވަސްވަރެއްގަ އެވެ.
ގުއައިޑޯ ވަނީ އޭނާގެ ބަޣާވާތް ކާމިޔާބު ކުރުމަށްޓަކައި އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއަށާއި އެމެރިކާއަށް ތާއީދުކުރާ ކޮލަންބިޔާއަށް ގޮވާލައްވާފައެވެ. ނަމަވެސް ވެނެޒުއެލާގެ ސިފައިންގެ ލަޝްކަރުތައް ތިބީ ރައީސް މަދޫރޯގެ ސަރުކާރުގެ ޙިމާޔަތުގައި ކަމާއި ވެނެޒުއެލާއަށް އަރައިގަންނަ ބޭރުގެ ބާރުތަކާ ދެކޮޅަށް ހަމަލާދީ ހަނގުރާމަ ކުރަން ތައްޔާރަށް ތިބިކަމުގެ އިންޒާރު ސިފައިންގެ ވެރިޔާ ދެއްވާފައިވާތީ އެމެރިކާއަށް ވެސް އަދި ކޮލަންބިޔާއަށް ވެސް ވެނެޒުއެލާއަށް އަސްކަރީގޮތުން ވަދެގަންނަން ކެރިފައެއް ނުވެ އެވެ. ނަމަވެސް އެމެރިކާ ގެންދަނީ ވެނެޒުއެލާގެ ސަރުކާރު ވައްޓާލުމަށް ޓަކައި އެގައުމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ބިރު ދެއްކުމުގެ އިންޒާރުތަކެއް ދެމުންނެވެ.
ރަޝިޔާ އިން ވެނެޒުއެލާއަށް ފޮނުވި އަސްކަރީ އެހީގެ ތެރޭގައި އަސްކަރީ މުސްތަޝާރުންގެ ސަތޭކަ މީހުންނާއި ސިފައިންނާއި އެތަށް ޓަނެއްގެ ބަރުހަތިޔާރާއި ޖާސޫސު ކުރުމާބެހޭ އާލާތްތައް ހިމެނޭ ކަމަށްވެ އެވެ. މަދޫރޯގެ ވެރިކަން ޣައިރު ގާނޫނީ ގޮތުން ފޮރޮޅާލުމަށް އެގައުމުގެ އިދިކޮޅު ލީޑަރު ޚުވާން ގުއައިޑޯ ފެއްޓެވި ބަޣާވާތުގެ ހަރަކާތްތައް ދެމަހަށް ވުރެ ދިގުލައިގެންގޮސްފައިވާ އިރު އެކަން ކާމިޔާބުވެފައި ނުވަނީ އެގައުމުގެ ސިފައިންގެ އެއްބާރުލުން ނުލިބުމުންނެވެ.
ވެނެޒުއެލާގެ ސިފައިންގެ ލަޝްކަރުތައް ބައިބައިކޮށްލުމަށް އެމެރިކާއާއި ގުއައިޑޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަންވަނީ ނާކާމިޔާބު ވެފަ އެވެ. މިއާއެކު ގުއައިޑޯގެ ބަޣާވަތް ނާކާމިޔާބުވެ އޭނާ ހައްޔަރުކޮށްފާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. (ނޫސްއެޖެންސީތައް)