16 Oct 2011, 13:03
އިޓާލިއަން ސެރީއާ ގައި ކަޓާނިއާ އަތުންވެސް އިންޓަމިލާން ބަލިވެއްޖެ އެވެ. މިއީ މިސީޒަނުގައި އިންޓަމިލާން ބަލިވި ހަތަރުވަނަ މެޗެވެ. އިންޓަ ބަލިވިއިރު މިލާންގެ އަނެއް ކްލަބު، އޭސީ މިލާން ވަނީ ޕަލާމޯ އަތުން ފަސޭހަ ކަމާއެކު މޮޅުވެ ލީގުގެ 11 ވަނަ އަށް ޖެހިލާފައެވެ.
ތަރިން ހިމެނޭ އިންޓަމިލާން ކަޓާނިއާގެ އަތްދަށުވީ 2-1 ލަނޑުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި އިންޓަމިލާން އަށް ލީޑު ހޯދައިދިނީ އެސްޓަބަން ކެމްބިއާސޯ އެވެ. ކަޓާނިއާ އިން ޖެހި ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށިތާ މިނެޓެއް ފަހުން ސާޖިއޯ އަލްމިރޯން ކަޓާނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ކަޓާނިއާ އަށް ލިބުނު ޕެނަލްޓީއަކުން ލީޑު ހޯދައިދިނީ ފްރެންޗެސްކޯ ލޮޑީ އެވެ.
މިމެޗުން 2-1 ލަނޑުން އިންޓަމިލާން ބަލިވި ނަމަވެސް ލީގުގައި އެޓީމު އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިސީޒަނުގައި އެއްމެޗުން މޮޅުވެ، އެއްމެޗުން އެއްވަރުވުމުން ލިބުނު ހަތަރު ޕޮއިންޓާއެކު އިންޓަމިލާން އޮތީ ލީގުގެ ސަތާރަ ވަނާގައެވެ. އިންޓަމިލާން ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ ހަތަރު މެޗުން ނެވެ.
ޕަލާމޯ އަތުން އޭސީ މިލާން ފަސޭހަކަމާއެކު މޮޅުވީ 3-0 ލަނޑުންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި މިލާނަށް ޕަލާމޯގެ ގޯލު ހުޅުވައިދިނީ އެންޓޯނިއޯ ނޮޗެރިނޯ އެވެ. މެޗުގެ 55 ވަނަ މިނެޓުގައި މިލާނަށް ލީޑު ފުޅާކޮށްދިނީ އަނިޔާގައި ހުރުމަށް ފަހު ކުޅެން ނުކުތް ބްރެޒިލް ތަރި ރޮބީނިއޯ އެވެ. މިލާންގެ ފަހު ލަނޑު އަދި މެޗުގެ ފަހު ލަނޑު 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެންޓޯނިއޯ ކަސާނޯ އެވެ.
ޕަލާމޯގެ މައްޗަށް ލިބުނު 3-0 ލަނޑުގެ ކާމިޔާބީ އަކީ މިސީޒަނުގައި މިލާނަށް ލިބުނު ދެވަނަ ކާމިޔާބީ އެވެ. އެޓީމު ވަނީ ލީގުގެ އެގާރަވަނަ އަށް ޖެހިލާފައެވެ. އޭސީ މިލާނުން ކުޅުނު ހަ މެޗުގެ ތެރެއިން ދެމެޗުން އެއްވަރު ވެފައިވާއިރު، ބަލިވެފައިވަނީ ވެސް ދެމެޗުން ނެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެންނަމުންދާ ނަޕޯލީ ވަނީ ޕާމާ އަތުން 2-1 ލަނޑުން ބަލިވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޕާމާއަށް ކާމިޔާބު ކޮށްދިނީ މަސިމޯ ގޮބީ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޖިއުސެއްޕޭ މަސްކަރާ ނަޕޯލީ އަށް ނަތީޖާ ހަމަހަމަ ކޮށްދިންތާ، ފަސް މިނެޓްފަހުން ފްރެންޗެސްކޯ މޮޑެސްޓޯ ވަނީ ޕާމާ އަށް އަލުން ލީޑު ހޯދައިދީފައެވެ.
ޕާމާ އަތުން ބަލިވި ނަމަވެސް ލީގުގައި ނަޕޯލީ އޮތް މަގާމަށް ބަދަލެއް އައިސްފައެއް ނުވެއެވެ. ދިހަ ޕޮއިންޓާއެކު ނަޕޯލީ އޮތީ ލީގުގެ ތިންވަނާގައެވެ. ލީގުގެ އެއްވަނާގައި ޔުވެންޓަސް އޮތްއިރު ދެވަނާގައި އޮތީ އުދިނޭސީ އެވެ.
އިޓާލީ ލީގުގައި މިއަދާއި މިރޭ ވެސް މެޗުތަކެއް ކުރިއަށް ދިއުމަށް ހަމަޖެހިފައި ވެއެވެ. ތިރީގައި އެވަނީ މިއަދާއި މިރޭ ކުރިއަށްދާނެ މެޗުތަކެވެ.
15:30 : ސިސޭނާ – ފިއޮރެންޓީނާ
18:00 : އެޓްލާންޓާ – އުދިނޭސީ
18:00 : ކަގްލިއެރާ – ސިއޭނާ
18:00 : ޗިއޭވޯ ވެރޯނާ – ޔުވެންޓަސް
18:00 : ގެނޯއާ – ލެޗޭ
18:00 : ނޮވާރާ – ބޮލޮގްނާ
23:45 : ލާޒިއޯ – އޭއެސް ރޯމާ