28 Mar 2019, 09:51
ލަންޑަން (މާޗް 28): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމަށް ހަދާފައިވާ އެއްބަސްވުމަށް ޕާލިމެންޓުން ރުހުން ދިނުމުން ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވާނެ ކަމަށް ތެރީސާ މޭ ވިދާޅުވެއްޖެ އެވެ.
އިއްޔެ ޕާލިމެންޓުގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މޭ ވިދާޅުވި ގޮތުގައި އެއްބަސްވުމަށް ރުހުން ދީ، ބްރެގްޒިޓާއިގެން ކުރިއަށް ދާން އެބަޖެހެ އެވެ. އަދި އެކަމަނާ ހުންނެވީ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުން އިސްތިއުފާ ދެއްވަން ތައްޔާރަށެވެ.
"އެއްބަސްވުމަށް ރުހުންދީ، އިނގިރޭސިވިލާތަށް އީޔޫއިން ވަކިވެވޭނެ ގޮތް ހަދަން އެބަ ޖެހޭ. އަދި އަޅުގަނޑުގެ ގައުމަށާއި ޕާޓީއަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް އަޅުގަނޑު މިހިރީ އިސްތިއުފާ ދޭން ތައްޔާރަށް،" މޭ ވިދާޅުވި އެވެ.
މޭ އެފަދައިން ވިދާޅުވީ، އާއްމު ގޮތެއްގައި ސަރުކާރުން ކަނޑައަޅާ މަޖިލީހުގެ ޖަލްސާގެ އެޖެންޑާ ހަމަޖެއްސުމުގެ ބާރު ޕާލިމެންޓުން ނެގި ފަހުންނެވެ. އަދި ޕާލިމެންޓުން އިއްޔެ ވަނީ ބްރެގްޒިޓް ކުރިއަށް ގެންދިޔުމަށް އެޅޭނެ އަށް ފިޔަވަޅަކަށް ވޯޓަށް އަހާފަ އެވެ. ނަމަވެސް އޭގެއިން އެއްވެސް ގޮތަކަށް ޕާލިމެންޓުގެ އަޣުލަބިއްޔަތު ނުލިބެ އެވެ.
އެގޮތުން ބްރެގްޒިޓް އެއްބަސްވުމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް އިންތިހާބެއް ބޭއްވުމަށް 268 މެމްބަރުން ވޯޓު ދެއްވި އިރު، އެއާ ދެކޮޅަށް 295 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި އީޔޫއިން ވަކިވި ނަމަވެސް، އީޔޫގެ ކަސްޓަމްސް ޔޫނިއަންގައި އިނގިރޭސިން ތިބުމާ ބެހޭ ގޮތުން ނެގި ވޯޓަށް 264 މެމްބަރުން ތާއިދު ކުރެއްވި ނަމަވެސް އެއާ ދެކޮޅަށް 272 މެމްބަރުން ވޯޓު ދެއްވި އެވެ.
އިނގިރޭސިވިލާތް އީޔޫއިން ވަކިވާން މީގެ ކުރިން ކަނޑައަޅާފައި އޮތް ތާރިހަކީ މާދަމާ އެވެ. ނަމަވެސް އީޔޫއިން ވަނީ، އަންނަ މަހުގެ 12އިގެ ކުރިން ޕާލިމެންޓުން މޭގެ އެއްބަސްވުމަށް ރުހުން ދީފި ނަމަ، މޭ 22އާ ހަމައަށް ބްރެގްޒިޓް ލަސް ކުރެވޭނެ ކަމަށް ބުނެފަ އެވެ.
އިނގިރޭސި ޕާލިމެންޓުން ވަނީ ދެ ފަހަރެއްގެ މަތިން މޭގެ އެއްބަސްވުމަށް ރުހުން ދޭން ދެކޮޅު ހަދާފަ އެވެ. ނަމަވެސް ބައެއް މެމްބަރުން ގެންދަވަނީ މޭ އިސްތިއުފާ ދެއްވާނެ ދުވަހެއް ކަނޑައަޅައި އިއުލާން ކުރައްވައިފި ނަމަ އެއްބަސްވުމަށް ރުހުން ދޭނެ ކަމަށް ބުނަމުންނެވެ.