އިންސްޓަގްރާމްގައި ޒުވާން ބަތަލާ އާލިއާ ބަޓް ފޮލޯ ކުރާ މީހުންގެ އަދަދު 30 މިލިއަނަށް އަރައިފި އެވެ.

އެއާއެކު އާލިއާ އަކީ ތިން ވަނަ އަށް އެންމެ ގިނަ ބަޔަކު ފޮލޯ ކުރާ ބޮލީވުޑް ބަތަލާއެވެ. ލިސްޓުގައި އާލިއާގެ ކުރީގައި އުޅެނީ ބަތަލާ ދީޕިކާ ޕަދުކޯން (33.5 މިލިއަން) އަދި ޕްރިޔަންކާ ޗޯޕްރާ (37.4 މިލިއަން) އެވެ.

އޭނާގެ 30 މިލިއަން ފޮލޮވަރުންނަށް ޝުކުރު އަދާކުރުމަށް އާލިއާ ވަނީ ކުރު ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެއް މިނިޓުގެ އެ ވީޑިއޯގައި ފެނިގެން ދަނީ ހަތް އަހަރުވީ ފިލްމީ ކެރިއަރުގެ އުސްއަލިތަކެވެ. ވީޑިއޯ އާއެކު އާލިއާ ބުނެފައި ވަނީ ފާއިތުވި ހަތް އަހަރަކީ ވަރަށް ވެސް އުފާވެރި އަހަރުތަކެއް ކަމަށާއި ނަމަވެސް މިއީ އަދި ފެށުން ކަމަށެވެ.

އުމުރުން 26 އަހަރުގެ އާލިއާ އޭނާގެ ފިލްމީ ކެރިއަރު ފެށީ 2012 ވަނަ އަހަރު 'ސްޓުޑެންޓް އޮފް ދަ އިޔާ' އިންނެވެ. އެއަށް ފަހު އާލިއާ ވަނީ ތަފާތު މޮޅު ހުށަހެޅުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. އެގޮތުން 'ހައިވޭ'، 'އުޅްތާ ޕަންޖާބް'، '2 ސްޓޭޓްސް'، 'ޑިއާ ޒިންދަގީ'، 'ރާޒީ' އަދި 'ގަލީ ބޯއީ' ފާހަގަކޮށްލެވެ އެވެ.

މިދިޔަ އަހަރު ރިލީޒްކުރި 'ރާޒީ'ގައި އޭނާ އަދާކުރި އިންޑިއާގެ ޖާސޫސް "ސެހެމަތު"ގެ ރޯލަށް އޭނާއަށް މިހާތަނަށް މޮޅު އެކްޓަރުގެ ތިން އެވޯޑެއް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ފިލްމުފެއާ އެވޯޑު ފާހަގަކޮށްލެވެ އެވެ.

އާލިއާ ފިލްމުފެއާ އެވޯޑު ހޯދީ ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން ފަހަތައް ޖައްސާލުމަށްފަހު އެވެ. އާލިއާ މިހާރު ވެސް އަންނަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އަބީޝެކް ވަރްމާގެ 'ކަލަންކް'، އަޔާން މުކަރްޖީގެ 'ބްރަހްމާޝްތުރަ'، އޭނާގެ ފުރަތަމަ ތެލުގޫ ފިލްމު 'އާރްއާރްއާރް'ގެ އިތުރުން ކަރަން ޖޯހަރުގެ 'ތަޚްތު' ހިމެނެ އެވެ.