28 Mar 2019, 09:01
ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ރާނީ މުކަރްޖީގެ ކާމިޔާބު ފިލްމު 'މަރްދާނީ'ގެ ސީކުއެލްގެ ޝޫޓިން ފަށައިފި އެވެ.
'މަރްދާނީ'ގައި ރާނީ ފެނިގެން ދިޔައީ ޗައިލްޑް ޓްރެފިކިން އާއި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރާ ސީނިއާ އިންސްޕެކްޓަރު ޝިވާނީ ޝިވާޖީގެ ރޯލުންނެވެ. އެ ފިލްމުގައި ރާނީ އަދާކުރި ރޯލަށް ކްރިޓީކުންނާއި ބެލުންތެރިންގެ ތަރުހީބު ލިބިގެން ދިޔަ އެވެ.
ޕްރަދީޕް ސަރްކާރް ޑައިރެކްޓު ކުރި 'މަރްދާނީ'ގެ ވިލަންގެ ރޯލުން ފެނިގެން ދިޔައީ ތާހިރު ރާޖް އެވެ.
'މަރްދާނީ 2'ގައި ރާނީ އަދާކުރާނީ ސުޕައިންޓެންޑެންޓް އޮފް ޕޮލިސްގެ ރޯލުންނެވެ. އެ ފިލްމުގައި ރާނީ މަސައްކަތް ކުރާނީ 21 އަހަރުގެ ވިލަން އަކާ ދެކޮޅަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިދިޔަ ހޯމަ ދުވަހު އިންޑިއާގެ މުމްބާއީގައި ފިލްމުގެ ޝޫޓިން ފަށައިފައި ވާއިރު، ފިލްމުގެ ފަސްޓް ލުކް ވެސް ވަނީ ދައްކާލައިފަ އެވެ. 'މަރްދާނީ 2' ޑައިރެކްޓު ކުރާނީ 'މަރްދާނީ'ގެ ވާހަކަ ލިޔުނު ގޯޕީ ޕުތުރަން އެވެ. މިއީ ގޯޕީގެ ފުރަތަމަ ޑައިރެކްޝަނެވެެ. 'މަރްދާނީ 2' ވެސް ޕްރޮޑިއުސް ކުރާނީ ފުރަތަމަ ފިލްމު ވެސް ޕްރޮޑިއުސް ކުރި އަދިއްތުޔަ ޗޯޕްރާ އެވެ.