28 Mar 2019, 12:47
މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީ އަށް މީހުން ކުރަމުން އައި އިތުބާރު ގެއްލިފައި ވަނިކޮށް އެ އިތުބާރު އަލުން ހޯދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"ސަން އޮންލައިން"ގެ 50 މިނެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ކުރިމަތީގައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ޓޫރިޒަމް މިނިސްޓްރީ އާ މެދު މީހުން ދެކޭ ދެކުން ކަމަށެވެ. އެ މިނިސްޓްރީ އަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށް ބެލެވުނު ނަމަވެސް އެކަން ބަދަލު ކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިން އޮތް ތުހުމަތެއް ނެތް މިހާރަކު. [ޓޫރިޒަމް] އިންޑަސްޓްރީގެ އިތުބާރު ހޯދިއްޖެ،" އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހޯދުމުގައި އެއްވެސް ރައްޔިތަކަށް މިހާރު ދައްޗެއް ކުރިމަތި ނުވާނެ ކަމަށެވެ.
"އަޅުގަނޑާ ރައީސް ސޯލިހާ ޕްރޫވްކޮށްދޭނަން މިއީ ގުޑް ގަވަނަންސްއާ އެކު ކުރެވޭނެ ކަމެއްކަން. އެ ބްރީޒް އިންޑަސްޓްރީ އަށް މިހާރު އޮންނާނެ. ރައްޔިތުންނަށް މިހާރު ސުވާލު ކުރެވޭނެ. ހާމަ ނުކުރާ މައުލޫމާތެއް މިހާރު ޓޫރިޒަމް މިނިސްޓްރީގައި ނުހުންނާނެ،" މީގެ ކުރިން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި އަލީ ވަހީދު ވިދާޅުވި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ގިނަ ކަންތައްތައް ގުޅެނީ ޓޫރިޒަމް ދާއިރާ އަށެވެ.