27 Mar 2019, 23:47
މިނިމަމް ވޭޖު ކަނޑައަޅާއިރު ދިވެހި މީހާގެ އަގު ބޭރުމީހާއަށްވުރެ ބޮޑެއް ނުވާނެ ކަމަށް ކުރީގެ ރައީސް ނަޝީދު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިމްތިހާބުގައި ހުވަދު އަތޮޅުގެ ހުރިހާ ދާއިރާއަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު މިރޭ ވިދާޅުވީ ހުވަދު އަތޮޅުގެ ކޮންމެ ދާއިރާއެއްގައި ވަޒީފާއެއް ނެތި ތިބި ތައުލީމީ ގޮތުން ގާބިލު 150 ކުދިން އެބަތިބި ކަމަށެވެ.
"އެއީ ނުރައްކަލެއް. ވަރަށް ބޮޑު ނުރައްކަލެއް. ރާއްޖޭގެ ހަމަޖެހުން އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންނަށް ޖެންގޮސްދެވޭނީ އެ ކުދިންނަށް ވަޒީފާ ދީގެން،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެޖެންޑާ 19 ގައި ބުނާ އެންމެ ކުޑަ އުޖޫރައިގެ ދަށުން ބޮޑު މުސާރަ ލިބޭނީ ހަމައެކަނި ދިވެހި މީހާ އަށް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ހަމައެކަނި ދިވެހި މީހާއަށް ރަނގަޅު މުސާރައެއް ހޯދައިދިނުމެއް ނޫން. ހަމައެއާއެކު ދިވެހި މީހާ އަކީ ބޭރު މީހާއަށްވުރެ ވަކި އަގުބޮޑު ނޫން މީހެއްގެ ގޮތުގައި ވިޔަފާރިވެރިޔާ އަށް ފާހަގަވުން،"
ނަޝީދު ވިދާޅުވީ ވިޔަފާރިވެރިން ބޭރުމީހުން ލައްވާ މަސައްކަތް ކުރުވަނީ އެމީހުންގެ އަގު އިންތިހާއަށް ހެޔޮކަމުން ކަމަށެވެ.
"ވިޔަފާރި ވެރިންނަށް ދިވެހި މީހާ އަށްވުރެ ބޭރުމީހާގެ އަގު ވަކި ހެޔޮ ނުވާކަން އެބަ ކަށަވަރުކޮށްދެންޖެހޭ. އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅީމާ ބޭރު މީހާ އާ ދިވެހި މީހާ އާ އަޅާކީމާ، ދިވެހި މީހާގެ އަގު ހެޔޮވާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ވަޒީފާ ހޯދާ މީހުންނަށް އިނާޔަތްދޭއިރު އެފަދަ މީހުންގެ ދަފްތަރެއް އޮންނާނެ ކަމަށާއި އެ ދަފްތަރުގައި ނަމެއް އޮއްވާ ބޭރު މީހަކަށް ވަޒީފާއެއް ނުދެވޭނެ ކަމަށެވެ.