16 Oct 2011, 12:57
ސްޕެނިޝް ލަލީގާގައި އަނެއްކާވެސް ގޮންޒާލޯ ހިގުއައިން ހެޓްރިކެއް ހަދައިފި އެވެ. ރެއާލް ބެޓިސް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި ހިގުއައިން ހެދި ހެޓްރިކަކީ މިސީޒަނުގައި އޭނާގެ ފަރާތުން ފެނުނު ދެވަނަ ހެޓްރިކެވެ. އޭނާ ރެއާލް އަށް ކުރިން ހެޓްރިކެއް ހަދައިދީފައިވަނީ އެންމެ ފަހުން ރެއާލް ކުޅެދިން މެޗުގައެވެ. އަނެއްކޮޅުން ޗެމްޕިއަން ބާސެލޯނާ ވަނީ ރޭސިންގް ސަންޓެންޑާ އަތުން މޮޅުވެ، ޕޮއިންޓެއްގެ ތަފާތުން އެއްވަނަ މަގާމު ދިފާއުކޮށްފަ އެވެ.
ރެއާލް މެޑްރިޑާއި ރެއާއި ބެޓިސް ވާދަކުރި މެޗުގެ ފުރަތަމަ ހާފު 0-0 ނިމި ހިގުއައިންގެ ލަނޑުތައް އައީ ދެވަނަ ހާފުގަ އެވެ. ހިގުއައިންގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގަ އެވެ. މެޗުގެ 59 ވަނަ މިނެޓުގައި ކަކާ ލީޑު ފުޅާކޮށްދިން އިރު އޭގެ 10 މިނެޓްފަހުން ރެއާލް ބެޓިސް އިން ވެސް ސުން ކަނޑުވައިލި އެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި ހިގުއައިން ދެވަނަ ލަނޑެއް ކާމިޔާބުކޮށް، ތިން މިނެޓް ފަހުން އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ. މެޗު ނިމިގެންދިޔައީ 4-1 އިންނެވެ.
ރޭސިންގް ސަންޓެންޑާ އަތުން ޗެމްޕިއަން ބާސެލޯނާ މޮޅުވެ ޕޮއިންޓް ޓޭބަލުގައި އެއް ޕޮއިންޓުގެ ލީޑެއް ނަގާފައި ވެއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ރޭސިންގް ގެ ގޯލު ބާސާ އަށް ހުޅުވައިދިނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީ އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ބާސާ އަށް ލީޑު ފުޅާ ކޮށްދިނީ ޒަވީ އެވެ. ބާސާގެ ފަހު ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން މެސީ އެވެ. މިމެޗު ނިމިގެންދިޔައީ 3-0 ލަނޑުން ބާސާ އަށް ކާމިޔާބީ ލިބިގެންނެވެ.
ގްރެނޭޑާ އާއި އެތްލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު 0-0 ލަނޑުން އެއްވަރުވެފައި ވާއިރު، ގެޓަފޭ އާއި ވިލަރެއާލް ކުޅުނު މެޗު ވެސް އެއްވަރުވީ 0-0 ލަނޑުންނެވެ. މަލޯކާ އާއި ވެލެންސިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި އާދިލް ރަމީ ވެލެންސިއާ އަށް ލީޑު ހޯދައިދީފައި ވަނިކޮށް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މަލޯކާ ސަލާމަތް ކޮށްދިނީ ޓޮމާ ހާމެދް އެވެ.