28 Mar 2019, 08:49
ޖިއްދާ ( މާޗް 27) : ގޯލާންގެ ބިންތަކަކީ ސޫރިޔާގެ ބިންތަކެއް ކަމަށާ އެމެރިކާ ނިންމުމުގެ ސަބަބުން އެބިންތަކުގެ މިލްކުވެރިކަމަށާއި ސިޔާދަތަށް ބަދަލު ނާންނާނެ ކަމަށް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބުނެފި އެވެ.
އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ގޯލާންގެ ބިންތަކަކީ އިސްރާއީލުގެ ސިޔާދަތު އޮންނަ ބިންތަކެއްކަމަށް އެމެރިކާ ގަބޫލުކުރި ކުރުން ކުށްވެރިކޮށް އޯއައިސީ އިން ނެރުނު ބަޔާނެއްގައި އެމެރިކާ އިން އިސްރާއީލުގެ އިސްތިއްމާރަށް ވާގިވެރިވެ ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހައި އދ.ގެ ގަރާރުތަކާ ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ބުނެފައިވެ އެވެ.
އަނެއްކޮޅުން ސޫރިޔާއިން ވަނީ ގޯލާންގެ ބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް އެމެރިކާގެ ރައީސް ނޮޑަލްޑް ޓްރަމްޕް ގަބޫލުކުރެއްވި މައްސަލަ ކުށްވެރި ކުރުމަށް ޓަކައި އދ. ސަލާމަތީ މަޖިލީހުގެ ކުއްލި ޖަލްސާއަކަށް ގޮވާލައްވައިފަ އެވެ. އދ.ގައި ހުންނަ ސޫރިޔާގެ ދާއިމީ މިޝަން އިން ސަލާމަތީ މަޖިލީހުގެ ރިޔާސަތަށް ފޮނުވި ސިޓީއެއްގައި، އެމެރިކާގެ ނިންމުމަކީ އދ.ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު އަމަލެއްކަމާއި އެމެރިކާއަކީ އިސްރާއީލުން ހިންގާ އިސްތިއްމާރީ ހަރަކާތްތަކުގެ ބައިވެރިއެއްކަމަށް ސިފަކޮށްފައިވެ އެވެ.
ސަލާމަތީ މަޖިލީހުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓާ ފަރަންސޭސިވިލާތުން ވަނީ އެމައްސަލާގައި ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމާ ބެހޭ ގޮތުން މެންބަރު ގައުމުތަކާ މަޝްވަރާ ކުރަމުންދާކަމަށް ބުނެފަ އެވެ. ނަމަވެސް ސަލާމަތީ މަޖިލީހުގެ ބައްދަލުވުން ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.
ގޯލާންގެ އުސް ބިންތަކަކީ 1967ގެ އަރަބި އިސްރާއީލު ހަނގުރާމައިގާ އިސްރާއީލު ހިފާފައިވާ ސޫރިޔާގެ ބިމެކެވެ. ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން އެބިން ސޫރިޔާއާ ހަވާލު ކުރުމަށް އިސްރާއީލަށް ގޮވާލައި ސަލާމަތީ މަޖިލީހުން ދެ ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. އެ ދެ ގަރާރަށް ވެސް އިސްރާއީލުވަނީ ގޮންޖަހައިފަ އެވެ.
ގޯލާންގެ ބިންތަކަކީ އިސްރާއީލުގެ ސިޔާދަތު އޮންނަ ބިންތަކެއްކަމަށް އެމެރިކާ ގަބޫލުކުރި މައްސަލާގައި ބައިނަލްއަގްވާމީ މުޖްތަމައުންވަނީ އެމެރިކާ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. މިގޮތުން އެމެރިކާގެ ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކުން ވެސް އެމެރިކާގެ ބާތިލު ނިންމުންވަނީ ކުށްވެރިކޮށްފަ އެވެ.
ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއިން ވަނީ އިސްރާއީލު ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިމެއް ކަމަށްވާ އިރުމަތީ ގުދްސަކީ ވެސް އިސްރާއީލުގެ ތަނެއްކަމަށް ގަބޫލުކޮށްފަ އެވެ. ނަމަވެސް އދ. އިން ވަނީ އެއި ބާތިލު ނިންމުމެއް ކަމަށް ސިފަކޮށް ގަރާރެއް ފާސްކޮށްފަ އެވެ. އަދި ގޯލާންގެ މައްސަލައާއި އިރުމަތީ ގުދްސުގެ މައްސަލާގައި އެމެރިކާ އާއި އިސްރާއީލު ވަނީ ބައިނަލްއަގްވާމީ މުޖްތަމައުގައި އެކަހެރިވެފަ އެވެ.
(ނޫސް އެޖެންސީތައް)