މިމަހުގެ 23 ވަނަ ދުވަހު އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ ފަޅާލައި ފައިސާތަކެއް ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެމްއޭ ސާވިސަސް ފަޅާލި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އޭނާގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ ފަޅާލައި އެފިހާރައިން 13،500 އަށްވުރެ ގިނަ ރުފިޔާ އާއި 2600 އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވަނީ ވަގަށް ނަގައިފައެވެ.

މާލޭގައި މި ފަހުން ވަނީ ބޮޑެތި ވައްކަމާއި ފޭރުމުގެ ހާދިސާތަކެއް ހިންގާފައެވެ. އެގޮތުން މި މަސްތެރޭގައި ދެ ފަހަރެއްގެ މަތިން މަގުމަތިން ވަނީ 4.3 މިލިއަން ރުފިޔާ ފޭރިގަނެފައެވެ. އޭގެ ތެރެއިން އެއް މައްސަލައާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ހައްޔަރުގައި ހުރި އިރު އަދި މިހާތަނަށް އޭގެން އެއްވެސް ފައިސާއެއް ފެނިފައެއް ނުވެއެވެ.