27 Mar 2019, 19:33
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގދ. ތިނަދު އަށް ވަޑައިގެންފިއެވެ.
ނަޝީދު އެރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ތިނަދޫ އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރައްވާ، ނަމަވެސް އެމްޑީޕީ އިން ކުރި ތާއީދު އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓު އަބްދުލް މުޣުނީ އެވެ.
މުޣުނީގެ ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ މުޣުނީ އާ ސަލާމް ކުރެއްވުމަށްފަހު ނަޝީދު މުޣުނީގެ ކޮނޑުގައި ޖައްސަވާ ލައްވާ ތަނެވެ. ނަޝީދަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި މީހުން ތައާރަފުކޮށްދިނުމަށް މުޣުނީ ހުންނަވަނީ ނަޝީދު އަރިހުގައެވެ.
މުޣުނީ އަށް އެމްޑީޕީ އިން ކުރާ ތާއީދު އަނބުރާ ގެންދިޔައީ އޭނާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރި މައްސަލައެއް ފެންމަތި ވުމުންނެވެ. ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހުންގެ ކެމްޕެއިނުގައި ބައިވެރިނުވާނެ ކަމަށް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ މުޣުނީގެ މައްޗަށް ތުހުމަތު ކުރެވޭ އެފަދަ މައްސަލައެއް އެ މުވައްސަސާ އަށް އެއްވެސް އިރެއްގައި ހުށަހެޅިފައި ނުވާ ކަމަށެވެ.
ތިނަދޫ އުތުރު ދާއިރާ އަށް މުޣުނީގެ އިތުރުން ދެން ވާދަކުރަނީ އެދާއިރާގެ މިހާރުގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އިކްލީލް އާދަމެވެ. ސައުދު އަކީ ރައީސް މައުމޫނުގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓޭކެވެ.
ނަޝީދަށް މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތުގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސަނީފް ވެސް ބައިވެރިވިއެވެ.