ރާއްޖޭގެ ސަގާފީ ތަރިކައިގެ ވަގުތީ ލިސްޓެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

ހެރިޓޭޖު މިނިސްޓްރީ އިން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނީ މި ލިސްޓު އިތުރަށް ފުރިހަމަ ކުރުމަށް އާންމުންގެ ހިޔާލު ބޭނުންވާ ކަމަށާއި އެކަމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ތަރިކައިގެ ވަގުތީ ލިސްޓުއެކުލަވާލާފައިވަނީ ރަށު ކައުންސިލްތަކާއި، ތާރީހު ދިރާސާކުރައްވާ ބޭފުޅުންގެ ފޮތްތަކުން ލިބިފައިވާ މައުލޫމާތުގެ އަލީގައި ކަމަށް ހެރިޓޭޖު މިނިސްޓްރީ އިން ބުންޏެވެ.

މި ލިސްޓުގައި އެކި ބިނާ ތަކާއި އިމާރާތްތައް، ގަސް، ސަރަހައްދު އަދި މީހުން ވަޅުލާފައިވާ ތަންތަންވަނީ ހިމަނައިފައެވެ. މި ލިސްޓުގައި މި ތަންތަނާ ބެހޭ މައުލޫމާތާއި މިހާރު ހުރި ހާލަތު ވަނީ ހިމަނައިފައެވެ.

ރާއްޖޭގެ ސަގާފީ ތަރިކައިގެ ލިސްޓަށް އާންމުންގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާއިރު ތަރިކައަށް ގެއްލުންދޭ މީހުންނަށް ބޮޑު ޖަލުހުކުމެއް އަންނަގޮތަށް ތަރިކައިގެ ބިލު އެކުލަވާލައި އާންމުންގެ ޚިޔާލަށް ވަނީ ހުޅުވާލާފައެވެ. އެ މުއްދަތު މާދަމާ ހަމަވާނެއެވެ.

ރާއްޖޭގެ ސަގާފީ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް އެކުލަވާލާފައިވާ މި ބިލުގައި ބުނެފައިވާގޮތުން ތަރިކައަށް ގެއްލުން ދޭ މީހަކަށް ތަރިކައިގެ ސަގާފީ އަގަށް ބަލައި ޖޫރިމަނާ ކުރެވޭނެއެވެ. ނޫނީ ދިގު މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

ޖޫރިމަނާ ކުރެވޭނީ އެއްލައްކަ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ކަމަށާއި ޖަލު ހުކުމް އަންނާނި ފަސް އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ކަމަށް އެ ބިލުގައި ވެއެވެ.

މި ބިލުގައި ބުނެފައިވާގޮތުން ސަގާފީ ތަރިކައިގެ ދަފްތަރެއް ގާއިމްކުރަން ޖެހެއެވެ.