28 Mar 2019, 15:15
މި ސަރުކާރު ގެނައުމަށް ކޯލިޝަނުގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) މިހާރު އޮތީ ސަރުކާރުގައިތޯ ނުވަތަ އިދިކޮޅު ޕާޓީ ޕީޕީއެމްއާ އެކު އިދިކޮޅުގައިތޯ ސާފުވާން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމެވީ މަޖިލިސް އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއާ ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި މިހާރު މަސައްކަތް ފަށާފައި ވަނީ އެގޮތަށެވެ. ޖުމްހޫރީ ޕާޓީގެ ބައެއް ފަރާތްތަކުގެ މެދުގައި އެކަމުގެ ހިތް ނުޖެހުން އޮތް އިރު އެތަނުން އެއް ބޭފުޅަކީ އަލީ ވަހީދު އެވެ.
ސަން އޮންލައިން ގެ 50 މިނިޓް ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ގާސިމް ނުކުންނަވާ މަޖިލީހުގެ ގޮނޑިތައް ހޯއްދަވަން މަސައްކަތް ކުރައްވަން ހިންގާ ކަންކަން ފުރިހަމައަށް އަންޑަސްޓޭންޓްވާ ކަމަށެވެ. އެކަމަކު އޭނާ އަދި އޭނާގެ ދަރިން ހިމެނޭ ގޮތަށް ރާއްޖޭގެ އެތައް ބަޔެއްގެ ހައްގުތަކަށް އަރައިގެން ބަޔަކާ ބައިއަތު ހިފައިގެން ކެމްޕެއިނަށް ދިއުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް އަލީ ވިދާޅުވި އެވެ.
"މިސާލެއް ދަންނަވާ ކަމަށްވަންޏާ އެމްޑީޕީގެ ޑެޕިއުޓީ ޗެއާ ޕާސަން އަލީ ނިޔާޒު އެއީ ޕާޓީގެ ފައިނޭންސް ބައި ބަލަހައްޓާ ބޭފުޅާ. މަގުމައްޗަށް ނުކުންނަން ޖެހޭ ބޭފުޅެއް ނޫން ވަޒީފާގެ ގޮތުން. އެބޭފުޅާ ހުރީ ފަސް އަހަރު މިގައުމު ހިމާޔަތްކޮށް މިގައުމަށް އަޅުގަނޑުމެންނަށް ވެސް އާދެވޭނެ ގޮތް ހޯދަން. އެބޭފުޅާގެ ކެންޑިޑެންސީ އޮއްވައި އަޅުގަނޑުމެންނަށް ހުރިހާ ކަމަކަށް ހުރަސްއަޅަން ހުރި އަބްދުއްރަހީމްގެ ދަރިކަލުންނަށް ތާއީދުކުރަން ދާން އަޅުގަނޑުގެ ޒަމީރާއި ނަފްސު ގަބޫލު ނުކުރަނީ." އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެމްޑީޕީއާ އެކު މައްސަލައެއް ހައްލު ނުވެ ނުވަތަ އެހެން ޕާޓީއަކާ އެކު މައްސަލައެއް ހައްލު ނުވުމުން ވޭތުވެ ދިޔަ ފަސް އަހަރު ޖުމްހޫރީ ޕާޓީން ތަހައްމަލު ކުރި ކަންކަން ހަނދާން ނައްތާލާފައި ކޯލިޝަނުން ނުކުމެގެން ދިއުމަކީ ހައްލު ނޫން ކަމަށެވެ.
"ގާސިމް ވިދާޅުވި އެކަނިމާއެކަނި މަޖިލީޙުގައި ހުންނެވީމޭ ހައްގު ނަގަން. އަޅުގަނޑަށް އެ ހިތްހަމަޖެހުން މާ ރަނގަޅު އިނގޭތޯ. ޖޭޕީ އިން ވަންނަ ފަސް ހަ މެމްބަރުން ވެސް ހައްގުގޮތުގައި ހިފެހެއްޓެވިއްޔާ މާ ރަނގަޅޭ އިނގޭތޯ." އަލީ ވަހީދު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއަކީ އިދިކޮޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އެކަމަކު އެކަން މިހާރު ރައްޔިތުންނަށް އޮޅޭ ކަމަށާއި އިދިކޮޅު ސާފުވާން ޖެހޭ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
" އަޅުގަނޑުމެން ސަރުކާރުގައި ޖޭޕީ ސްލޮޓްގައި އައިސް މިތިބީ. އަޅުގަނޑުމެންނަށްވެސް ސާފުވާންޖެހޭ ދެއްތޯ ޖެޕީ މިއޮތީ ސަރުކާރުގަ ތޯ އިދިކޮޅޫގަތޯ. ޖޭޕީގައި އެބަ ތިއްބެވި ޖޭޕީއަށް ފައިދާ ބޮޑީ ރައީސް ޔާމީނާ އެކީ މަސައްކަތް ކުރީމަ ކަމަށް ގަބޫލުކުރާ ބޭފުޅުން. އެ ވެދާނެ ޖޭޕީގެ ތެރެއިން މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކުރުމަށް ބެނުންވާ ބޭފުޅުންނަށް އެންމެ ވިސްނޭ ގޮތް ކަމަށް."އަލީ ވަހީދު
އަލީ ވަހީދު ވިދާޅުވީ އޭނާ ގާސިމަށް ޗެލެންޖެއް ނުކުރައްވާނެ ކަމަށާއި އެއީ އޭނާއަށް ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ. އެހެންނަމަވެސް އޭނާގެ ތަޖުރިބާއިން ދަސްވި އެއްޗަކީ ތިމާއަށް ފެންނަ އެއްޗެއް ފެންނަ ގޮތަކަށް ކޮންމެ ވެސް ހިސާބަކުން ބުނަންޖެހޭނެކަން ކަމަށް ވިދާޅުވި އެވެ. އެއީ އޭގެ ސަބަބުން ކޮންމެ ގެއްލުމެއް ވިޔަސް ކުރަން ޖެހޭ ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑަށް ޖުމްހޫރީ ޕާޓީން ދިން ސްލޮޓްވެސް ނުނީ ޕާޓީންވެސް ކަނޑާލަފާނެ. ޕާޓީގެ ރައީސްކަންވެ ސް ނަގާފާނެ." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް އޭނާއަށް ވީ ވަރަކުން ކެމްޕެއިން ކުރައްވާނެ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވާދަ ނުކުރައްވާ ދާއިރާތަކުގައި އޭނާ ތާއީދު ކުރައްވާނީ އެމްޑީޕީ އެމްއާރުއެމް އަދި އަދާލަތުގެ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވި އެވެ.
ޖުްހޫރީ ޕާޓީގެ ނުވަތަ ގާސިމްގެ ނިންމުމަށް ފާޑު ވިދާޅުވި ނަމަވެސް ގާސިމަށް އަލީ ވަހީދު ތައުރީފު ވެސް ކުރެއްވި އެވެ. ވިދާޅުވީ ގާސިމަކީ ގައުމަށް ފައިދާވާ ގޮތަށް މަސައްކަތް ކުރައްވާނޭ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ގާސިމަށް އިހުތިރާމް ކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ޖޭޕީ އިން އިދިކޮޅު ޕީޕީއެމްއާ އެކު ރައްޔިތުންގެ މަޖިލީހަށް ނުކުތީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީ އާއި ޖޭޕީ އިން ކޯލިޝަން ހެދުމަށް ފަހު، އަދި މި އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ދެ ޕާޓީ ގުޅިގެން ނުކުތުމަށް އެއްބަސްވުމަށް ފަހު، އެ އެއްބަސްވުން އުވާލައި، އެމްޑީޕީ އިން މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް އަމިއްލައަށް ވާދަ ކުރަން ނިންމުމުންނެވެ.