ޕްރެމިއާ ލީގުގައި ލިވަޕޫލް އަތުން 1-1 ލަނޑުން މެންޗެސްޓާ ޔުނައިޓެޑް އެއްވަރު ވުމުން، އެކުލަބަށް ޓޭބަލްގެ އެއްވަނަ ގެއްލި، ވާދަވެރި މެންޗެސްޓާ ސިޓީ ޓޭބަލްގެ ކުރި އަތުލައިފި އެވެ. ސިޓީ ކުރި ހޯދީ އެސްޓަން ވިލާ އަތުން ފަސޭހަކަމާއެކު މޮޅުވެގެނެވެ. ރޭގެ މެޗުތަކަށް ބަލާއިރު އެވަޓަން އަތުން ފަސޭހަކަމާއެކު މޮޅުވެގެން ޗެލްސީ ވެސް ވަނީ ތިން ވަނަ މަގާމު ދިފާއުކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ ލިވަޕޫލް ބައްދަލު ކުރި މެޗުގައި ޖެރާޑް ޖަހައިދިން ލަނޑުން ލިވަޕޫލް މޮޅުވާން ދަނިކޮށް މެން ޔުނައިޓެޑް ސަލާމަތް ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ހާވިއާ ހެނާންޑޭޒް އެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިވަޕޫލުގެ ގިނަ ހަމަލާތަކެއްގެ ހުރަހަކަށްވީ މެންޔުނައިޓެޑްގެ ގޯލު ކީޕަރު ޑޭވިޑް ޑެ ހެއާ އެވެ.

މެޗުގެ ފުރަތަމަ ހާފު 0-0 ލަނޑުން އެއްވަރުވެ ނިމުނު ނަމަވެސް އެހާފުގައި ބޯޅަ ހިފަހައްޓާފައިވަނީ ލިވަޕޫލް އިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި ޖެރާޑް ލިވަޕޫލަށް ލަނޑު ޖަހައިދިނެވެ. މެޗުގެ 81 ވަނަ މިނެޓުގައި ހެނާންޑޭޒް މެން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބަދަލުގައި ކުޅެން ނުކުމެ އެވެ. އޭނާ ލަނޑު ކާމިޔާބުކުރީ ކުޅެން ނުކުތްތާ ފަސް މިނެޓް ވެސް ނުވަނީ ހެވެ.

މެންޗެސްޓާ ސިޓީއިން އެސްޓަން ވިލާގެ މައްޗަށް ފަސޭހަ ކަމާއެކު މޮޅުވީ 4-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެސްޓަން ވިލާގެ ގޯލު މެންސިޓީ އަށް ހުޅުވައިދިނީ މާރިއޯ ބަލޮޓެއްލީ އެވެ. މެޗުގެ ފުރަތަމަ ހާފު މިނަތީޖާއިން ނިމުނު އިރު މޮޅަށް ކުޅެމުން ދިޔައީ މެންސިޓީ އިން ނެވެ.

ދެވަނަ ހާފު ފަށައިގެން ތިން މިނެޓް ނުވަނީސް އެޑަމް ޖޯންސަން ވަނީ މެންސިޓީ އަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަސް މިނެޓްފަހުން ކެޕްޓަން ވިންސެންޓް ކޮމްޕަނީ ވަނީ މެންސިޓީގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މެޗުގެ 65 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ސުން ކަނޑުވާލަ ދިނީ ސްޓެފަން ވާނޮކް އެވެ. އޭގެ ހަމިނެޓް ފަހުން ޖޭމްސް މިލްނާ ވަނީ މެންސިޓީގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މިމެޗު 4-1 ލަނޑުން މެންސިޓީ ކާމިޔާބު ކުރުމުން އެޓީމު ވަނީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެއްވަނައަށް އަރާފައެވެ.

އެވަޓަން އަތުން ޗެލްސީ މޮޅުވީ 3-1 ލަނޑުން ނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެވަޓަން ގެ ގޯލު ޗެލްސީ އަށް ހުޅުވާލަދިނީ ޑެނިއަލް ސްޓަރިޖް އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކެޕްޓަން ޖޯން ޓެރީ ވަނީ ޗެލްސީ އަށް ލީޑު ފުޅާކޮށްދީފައެވެ. އަދި 61 ވަނަ މިނެޓުގައި ރަމިރޭސް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިން އިރު، އޭގެ ވިހި މިނެޓް ފަހުން އެވަޓަން އަށް ސުން ކަނޑުވާލަ ދިނީ އެޕަސްޓޮލޯސް ވެލިއޯސް އެވެ. މިމެޗު 3-1 ލަނޑުން ޗެލްސީ ކާމިޔާބު ކުރި ނަމަވެސް އެޓީމު އަދިވެސް އޮތީ ލީގުގެ ތިންވަނާ ގައެވެ.

އަލަށް ޕްރޮމޯޓުވި ދެޓީމު ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު ނޮވިޗް ސިޓީ އިން ސްވަންސީ ސިޓީގެ މައްޗަށް ކުރި ހޯދީ 3-1 ލަނޑުން ނެވެ. މެޗުގެ ފުރަތަމަ މިނެޓުގައި އެންތޮނީ ޕިލްކިންގްޓަން ނޮވިޗް އަށް ލީޑު ހޯދައިދިނެވެ. މެޗުގެ އަދި 10 ވަނަ މިނެޓުގައި ރުސެލް މާޓިން ލީޑު ފުޅާ ކޮށްދިންތާ ދެމިނެޓް ފަހުން ސްވަންސީއަށް ޑެނީ ގްރަހަމް ވެސް ވަނީ ލަނޑެއް ޖަހައިދީ އެލީޑު ހަނިކޮށްފައެވެ. މެޗުގެ ފަހު ލަނޑު 63 ވަނަ މިނެޓުގައި ނޮވިޗް އަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިން ޕިލްކިންގްޓަން އެވެ.

ވިގަން އެތްލެޓިކް ގެ މައްޗަށް ބޯލްޓަންއިން ކުރި ހޯދީވެސް 3-1 ލަނޑުގެ ނަތީޖާ އަކުންނެވެ. ބޯލްޓަން އަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ ނިގެލް ރިއޯ ކުކާ އާއި، ޑޭވިޑް އެންގޮގް އަދި ކްރިސް އީގަލްސް އެވެ. ވިގަން އަށް ކާމިޔާބު ކޮށްދިން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދް ޑިއާމޭ އެވެ.

ކިޔުޕީއާރު މޮޅުވަމުން ދަނިކޮށް ބްލެކްބާން ރޮވާސް ސަލާމަތް ކޮށްދިނީ ކްރިސްޓޮފާ ސަމްބާ އެވެ. މެޗުގެ 16 ވަނަ މިނެޓުގައި ހެއިޑާ ހެލްގުސަން ކިޔުޕީއާރަށް ލީޑު ހޯދައިދީފައި ވަނިކޮށް 24 ވަނަ މިނެޓުގައި ވިގަން ސަލާމަތް ކޮށްދިނީ ޑިފެންޑަރު ސަމްބާ އެވެ. މިމެޗު ނިމިގެންދިޔައީ 1-1 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ފުލަމް އަތުން ސްޓޯކް ސިޓީ މޮޅުވީ ފަހު މިނެޓު ކޮޅުގައި ކާމިޔާބު ކުރި ދެލަނޑުން ނެވެ. ސްޓޯކް ގެ ފުރަތަމަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ ޖޮނަތާން ވޯލްޓާސް އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ސްޓޯކް އަށް ލީޑު ފުޅާކޮށްދިނީ ރޮރީ ޑެލަޕް އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ސްޓޯކް ކުރީގައި އޮވެގެންނެވެ.