27 Mar 2019, 18:58
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް ބޭނުންވާ އިމާރާތުގެ ބީއޯކިޔު ހެދުމާއި، އިމާރާތް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ލެވެލް ހޮސްޕިޓަލަކަށް ބަދަލު ކުރުމަށްޓަކައި ހަދަންޖެހޭ އިމާރާތް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ އަދި ޓެންޑަ ޑޮކިއުމެންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނުގައި ބުނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް 11 ވަނަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށްފަހު އޭޕްރީލް 28 ވަނަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް އާއިމާރާތެއް ބޭނުންވަނީ އިންޓަނޭޝަނަލް މިންގަނޑުތަކަށް ފެތޭ ގޮތަށް ޓާޝަރީ ފެންވަރަށް މިހާރު ހުރި އިމާރާތް ބަދަލު ނުކުރެވޭނެތީ ކަމަށެވެ.
އާ އިމާރާތް އަޅާނީ ވަކިން ބިމެއްގައި ކަމަށްވެސް ހެލްތު މިނިސްޓްރީ އިން ބުންޏެވެ. މިނިސްޓްރީ އިން ބުނީ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަޝަރީ ފެންވަރަށް ބަދަލު ކުރާއިރު އަލަށް އަޅާ އިމާރާތަކީ އިންޓަނޭޝަނަލް މިންގަނޑަށް ފެތޭގޮތަށް ތިމާވެއްޓާ ރައްޓެހި ގޮތަށް އަޅާނެ އިމާރާތެއް ކަމަށެވެ.
މި ހޮސްޕިޓަލް އަޅާނީ މުސްތަގުބަލުގައި ހޮސްޕިޓަލް ބޮޑުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރެވޭނެ ގޮތަކަށް ކަމަށާއި މަސައްކަތް ބަޔަކާ ހަވާލުކުރާއިރު ރާއްޖޭގައި އެކުލަވާލާފައިވާ ހެލްތު ކެއާ ސްޓޭންޑާޑާއި، އިންޓަނޭޝަނަލް ސްޓޭންޑާޑު ތަކަށް ރިއާޔަތް ކުރާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްގީކުރާއިރު އެ ހޮސްޕިޓަލުގައި 100 އެނދު ހުންނާނެއެވެ.
ތިނަދޫ ހޮސްޕިޓަލުގެ އިތުރުން ހައްދުންމަތީ ގަން ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލްވެސް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ވަނީ ނިންމައިފައެވެ.