27 Mar 2019, 17:51
ފުވައްމުލަކު ސިޓީ ރިންގު ރޯޑު ހެދުމުގެ މަސައްކަތާއި ސ. ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހަސަން ޝާހު އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
ފުވައްމުލަކު ރިންގް ރޯޑު ތަރައްގީ ކުރުމުގެ މަސައްކަތަށް 32،042،893.70 ރުފިޔާ ހަރަދުވާނެއެވެ. މި މަސައްކަތުގެ ދަށުން ފުވައްމުލަކު ރިންގުރޯޑުގެ 2.7 ކިލޯ މީޓަރުގެ ސަރަހައްދުގައި ރަނގަޅު ފެންވަރަކަށް ތާރު އަޅައި މަގު ބައްތި ޖެހުމުގެ އިތުރުން ސައިޑް ވޯކް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވަނީ 240 ދުވަހެވެ.
ހުޅުމީދޫ ބަހާއުއްދީން މަގު ހެދުމުގެ މަޝްރޫއަށް 32.719 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި މަސައްކަތުގެ ދަށުން ބަހާއުއދީނު މަގުގެ 2.02 ކިލޯމީޓަރުގެ ސަރަހައްދެއްގައި ރަނގަޅު ފެންވަރަށް ތާރުއަޅައި، މަގުބައްތި ޖެހުމުގެ އިތުރުން ސައިޑްވޯކް ހަދާނެއެވެ. މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓު ކޮށްފައިވަނީ 240 ދުވަހެވެ.
މީގެ އިތުރުން މިއަދު ވަނީ ގއ ކަނޑުހުޅުދޫ ބަނދަރު ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީ އާ ހަވާލުކޮށްފައެވެ. މި މަސައްކަތުގެ ދަށުން އެރަށުގައި 414 މީޓަރުގެ އެއްގަމު ތޮއްޓެއްލައި، 40 މީޓަރުގެ ބޭރު ތޮއްޓެއް ލާނެއެވެ. މީގެ އިތުރުން 100 މިޓަރުގެ ރިވެޓްމެންޓު ޖަހައި، ނެރު ބައްތި ޖަހައި، ބަނދަރު ސަރަހައްދުގައިވެސް ބައްތި ޖަހާނެއެވެ. މީގެ އިތުރުން އެއްގަމު ތޮއްޓާ އިންވެގެން ޕޭމެންޓު ހަދަންވެސް ވަނީ ނިންމައިފައެވެ.
މި މަސައްކަތް ނިންމުމަށް ދީފައިވަނީ 350 ދުވަހެވެ. ކޮންޓްރެކްޓުގެ އަގަކީ 35.933 މިލިއަން ރުފިޔާ އެވެ.