27 Mar 2019, 18:29
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެންމެ ގިނަ ހަމަނުޖެހުންތައް ހިނގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ ގދ. އަތޮޅުން ކަމަށް ފުލުހުން ބުނެފި އެވެ.
މަޖިލިސް އިންތިހާބާ ގުޅިގެން ފުލުހުން ފަށައިފައިވާ ބިޔަ އޮޕަރޭޝަން "ބްލޫޓައިޑް"އާ ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އިސްކަަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، އިންތިހާބާ ގުޅިގެން ހުށަހެޅިފައިވާ މައްސަލަތައް ނިސްބަތުން މަދު ކަމަށެވެ.
"ޖުމްލަ ގޮތެއްގައި ދަންނަވާނަމަ މައްސަލަތަކުގެ އަދަދު މާލޭގައިވެސް އަދި އަތޮޅުތަކުގައިވެސް ގިނަ ކަމަކަށް އަޅުގަނޑުމެންނަށް ނެތް ފާހަގަ ކުރެވިފައި،" އިންވެސްޓިގޭޝަންސް ކޯޑިނޭޓާ ފޯ އިލެކްޝަންސް ކޮމިޝަން، ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.
އެންމެ ގިނައިން މައްސަލަ ހުށަހެޅުނު ސަރަހައްދުތައް:
- ގދ. އަތޮޅު:33 މައްސަލައެއް ހުށަހެޅިފައިވޭ
- އދ. އަތޮޅު:18 މައްސަލައެއް ހުށަހެޅިފައިވޭ
- މާލެ:12 މައްސަލައެއް ހުށަހެޅިފައިވޭ
ބަޝީރު ވިދާޅުވީ، އިންތިހާބާ ގުޅިގެން ހުށަހެޅޭ މައްސަލަތައް މަދު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
"އެ މައްސަލަތަކާ ގުޅިގެން އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން މިދަނީ އަދި އެ މައްސަލަތައް ހައްލު ކުރުމަށްޓަކައި އިލެކްޝަންސްއާ އަޅުގަނޑުމެންނާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރަމުން މިދަނީ،"
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މިފަހަރުގެ މަޖިލިސް އިންތިހާބުގެ ސަލާމަތީކަންކަން ވަރުގަދަވާނެ ކަމަށެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނާ ގުޅިގެން ސަލާމަތީ ކަންކަން ބެލުމުގެ މަސައްކަތް ފަށާފައި ވާނެ ކަމަށް ފުލުހުން ބުންޏެވެ.
ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ ހުރިހާ ސަރަހައްދުތަކުގައިި، އިލެކްޝަންސް އިން ހަރަކާތްތެރިވާ ސަރަހައްދުތަކުގައި އަދި ވޯޓު ކަރުދާސް ބަހައްޓާ ކޮޓަރީގެ ސަލާމަތީކަންކަން ވެސް ބަލަހައްޓާނީ ފުލުހުން ކަމަށް މިއަދު ފުލުހުން ވަނީ ބުނެފަ އެވެ.