27 Mar 2019, 18:54
ރާއްޖޭގައި އިސްލާމިކް ފައިނޭންސިން ކުރިއަރައި ދިޔުމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ދައުރު ބޮޑުކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް ބޭންކުގެ އާ ހެޑްއޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް މުލުން ފެށިގެން ކުރިއަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އިސްލާމިކް ބޭންކު ކަމަށެވެ.
އަދި ރީޓެއިލް ބޭންކިން ސެކްޓާގައި ވާދަވެރިކަން އިތުރުކޮށް ޝަރީއާ ހުއްދަކުރާ ޕްރޮޑަކްޓުތައް ރާއްޖޭގެ ބާޒާރަށް ގެނައުމުގައިވެސް އެމްއައިބީގެ ދައުރުބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ. ރާއްޖެ އަކީ މި ސަރަހައްދުގައި ފާހަގަކުރެވޭ ވަރުގެ އިސްލާމިކް ފައިނޭންސްގެ ހަބެއްގެ ގޮތުގައި ހެދުމަކީ އަމާޒު،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެމްއައިބީގެ 80،000 ކަސްޓަމަރުންނާއި ރާއްޖޭގެ ހަ އަތޮޅެއްގައި ހުޅުވާފައިވާ ބޭންކުގެ ބްރާންޗު ތަކާއެކު އިސްލާމިކް ބޭންކިން އާމެދު ދިވެހިންގެ ލޯ ހުޅުވާލަދިނީ ވެސް އެ ބޭންކު ކަމަށެވެ. އެމްއައިބީ އަކީ ދިވެހި އިގްތިސޯދާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގައިވެސް މުހިއްމު ދައުރެއް އަދާކުރާ ބޭންކެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެމްއައިބީގެ މައި ހިއްސާދާރު، އައިސީޑީ އަށް ޝުކުރު އަދާކުރައްވައިފައެވެ.
"ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ބައިވެރިވުމާއެކު އެމްއައިބީގެ ހިދުމަތް ފުޅާވެގެންދިޔުމަށް، ރައްޔިތުންނަށް އޭގެ ފައިދާ ކުރުމަށް. އެމްއައިބީ އިން ހިއްސާ ވިއްކަން ފެށުމާއެކު މި ބޭންކުގެ ސަބަބުން ދިވެހިންނަށް ކުރާ ފައިދާ އިތުރުވާނެ،" ބޭންކިން ސެކްޓާ އަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގެ މުހިއްމުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ބޭންކުގެ ޗެއާމަން ނަޖްމުލް ހަސަން ވިދާޅުވީ އިސްލާމިކް ބޭންކުގެ ކުރިއެރުމުގައި ދިވެހި ރައްޔިތުން، ހާއްސަކޮށް އެ ބޭންކުގެ ކަސްޓަމަރުންގެ ދައުރުބޮޑު ކަމަށެވެ.
އިސްލާމިކް ބޭންކުން ވަނީ އެ ބޭންކުގެ ހިއްސާ އާންމުންނަށް ވިއްކަން ނިންމައިފައެވެ.